Fri, 30 September, 2022, 8:05 am

ހިކެން ބޭނުންނަމަ ރޭގަނޑު އަމަލުތައް ބަހައްޓަންވީ މިހެން

ހިކެން ބޭނުމިއްޔާ ކެއުން ބަހައްޓަންވީ ގޮތުގެ ވާހަކައާއި، ކަސްރަތުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ގިނަ ފަހަރަށް މިކަންކަން ވަނީ ކުރަން އުނދަގޫ ކަމަށެވެ. ދުވާލު ގަޑީގައި ބުރަކޮށް އުޅުމާއި، ވަގުތު ނުލިބުމުގެ ސަބަބުން ގިނަ ފަހަރަށް ގެއުމަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ހިކެން ބޭނުންވާ މީހުން ރޭގަނޑު އަމަލުތައް ބަހައްޓަންވީ ގޮތަށެވެ.

އެންމެ މުހިންމު ކަމަކީ ރެގަނޑު ގަޑީގައި ރަނގަޅު ކެއުމެއް ކެއުމެވެ. ބައެއް މީހުން، ރޭގަނޑުގެ ކެއުން ނުކައި ދޫކޮށްލައެވެ. އޭގެ ބަދަލުގައި ކަނީ ކެއުމާ ނުވާކަހަލަ ކާއެއްޗެއްސެވެ. ޑައިޓިޝަަނުން ބުނާގޮތުން، އޭގެ ބަދަލުގައި ސިއްހަތައް ރަނގަޅު ކާއެއްޗެއް ކެއުމުން އޭގެ ފައިދާ މާ ބޮޑެވެ. އަދި އެގޮތަށް އާދަކުރުން މުހިންމެވެ.

ދެން ކުރަންވީ ކަމަކީ ކާގަޑި އަވަސްކޮށްލުމެވެ. ތަޖުރިބާކާރުން ބުނާގޮތުުން، ރޭގަނޑު ކެއުން އެންމެ ރަނގަޅީ އިރުއޮއްސި 6:00 ހާއިރުއެވެ. އެގަޑީގައި ކާ މީހުންނާއި، ރޭގަނޑު 10:00ގައި ކާ މިހުން ހިމަނައިގެން ހެދި ދިރާސާއަކުން ދައްކާގޮތުން، އިރާކޮޅު ކާ މީހުންގެ ހޭމައްޗަށް ދިއުން 20 ޕަސަންޓު ދަށެވެ. އަދި އަވަހަށް ކެއުމުގެ ސަބަބުން ކާނާ ހަޖަމް ކުރަން ބޭނުންވާ ވަގުތު ހަށިގަނޑަށް ލިބެއެވެ.

ކާ މިންވަރު މަދުކުރުމަކީ ގިނަ ތަޖުރިބާކާރުން ލަފާދޭ ކަމެކެވެ. އެގޮތުން، ހެނދުނުގެ ނާޝްތާގެ ޕޯޝަން ބޮޑުކޮށް، ރޭގަނޑުގެ ކެއުން މަދު ކުރަމް އެމީހުން އިރުޝާދު ދެއެވެ. ތަޖުރިބާކާރުން ބުނާގޮތުން، ދުވާލު ގަޑީގައި ހަށިގަނޑުގެ ހަޖަމް ކުރުމުގެ ނިޒާމު އިތުރަށް މަސައްކަތް ކުރެއެވެ.

ހެނދުނުގެ ނާޝްތާ ރޭގަނޑު ރޭވުމަކީވެސް މުހިންމު ކަމެކެވެ. އާންމުކޮށް މަސައްކަތައް ދިއުމުގެ ކުރިން ގަޑި ޖެހިދާނެތީ ގިނަ މީހުން ދަނީ ހެނދުނު ނާޝްތާ ނުކޮށެވެ. އެހެން ނަމަވެސް ރޭގަނޑު އެކަން ރާވާފައި އޮންނަ ނަމަ، ވަގުތު އޮއްވައި ހަށިގަނޑަށް ރަނގަޅު ކާއެއްޗެއް ތައްޔާރު ކުރުމުގެ ފުރުސަތު ބޮޑެވެ.

ތަޖުރިބާކާރުން ބުނާގޮތުން، ރޭގަނޑު ނިދާނެ ވަކި ގަޑިއެއް ކަނޑައެޅުން މުހިންމެވެ. ސަބަބަކީ ކޮންމެ ރެއަކުވެސް އެ ގަޑިއަކަށް ނިދުމުންވެސް ހިކެން މަގުފަހިވާ އެތައް ފައިދާއެއް ލިބޭތީއެވެ. އެގޮތުން، ރަނގަޅަށް ނުނިދޭ ނަމަ، ގިނައިން ކާހިތްވެ، ބަނޑުހައިވާން މެދުވެރިވާ ހޯމޯނެއް ހަށިގަނޑުގައި އުފެދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، ކޮންމެ ރެއަކުވެސް 7 ނުވަތަ 8 ގަޑިއިރުގެ ނިދި ލިބުން މުހިންމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.