Fri, 29 March, 2024, 4:43 am
ފެލިވަރު ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އެމްޓީސީސީ

ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުން: ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ޅ. ފެލިވަރުގައި ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ބޭނުންވާ ބިން ހިއްކައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެލިވަރުގެ ބިން ހިއްކައި، ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ހެދުމުގެ މި މަޝްރޫއަކީ އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުތަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.

ޖުމުލަ 113.3 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކަޓާ ސަކްޝަން ޑްރެޖަރު، ޖައްރާފާ 2 އިން ވަނީ އިއްޔެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 220 މީޓަރުގެ އެއްގަމު ތޮއްޓަކާއި 148 މީޓަރުގެ ބޭރު ތޮއްޓެއްލާނެ އެވެ. އަދި 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.