Sat, 22 January, 2022, 7:52 pm

ބާސެލޯނާއަށް އިތުރު މާޔޫސްކަމެއް، މެޑްރިޑް ޑާބީ ކާމިޔާބުކޮށް ރެއާލުން ރަސްކަމުގައި

Share on twitter
Share on facebook
Share on twitter
Share on facebook

ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން ބާސެލޯނާ އެއްވަރުވި އިރު، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ ބަލިނުވެ ރެއާލުން ހަމަކުރި 10 ވަނަ މެޗެވެ. ރެއާލް އެންމެ ފަހުން މެޗަކުން ބަލިވީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް އެއްވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓާއެކު އެވެ. އެއީ 10 ޕޮއިންޓުގެ ލީޑެކެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށް 16 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ރެއާލް ބެޓިސް އެވެ. އެތުލެޓިކޯ ހަތަރެއްގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ރެއާލްއަށް ގޯލު ހުޅުވައިދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ. މެޗުގެ 16 ވަނަ މިނެޓުގައި އޭނާ އެ ގޯލު ކާމިޔާބު ކުރީ ވިނީޝިއަސް ޖޫނިއާ ނެގި ހުރަހަކުންނެވެ. ރެއާލްގެ ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯ އަސެންސިއޯ އެވެ. މިއީވެސް ވިނީޝިއަސްގެ މޮޅު ޕާހަކުން ޖެހި ގޯލެކެވެ.

ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. އެއީ 16 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ.

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ، މާޔޫސްކަމެއްގަ އެވެ. އެއީ 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކެޓުމުންނެވެ. އަދި ރޭގެ މެޗުގެ ނަތީޖާ ނުކުތް ގޮތުން، ލީގުގެ މަތީ މަގާމެއް ހޯދަން ބާސެލޯނާއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބާސެލޯނާއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ގޯލު ޖެހީ އުމުރުން 19 އަހަރުގެ ޒުވާން ނިކޮލަސް ގޮންޒާލެޒެވެ. ނަމަވެސް އެ ގޯލު ޖެހިތާ ދެ މިނެޓު ތެރޭ އޮސަސޫނާގެ ޑޭވިޑް ގާސިއާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގައި އަނެއްކާވެސް ލީޑު ނެގީ ބާސެލޯނާއިންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެ ގޯލު ކާމިޔާބު ކުރީ އުމުރުން 19 އަހަރުގެ އަބްދުއްސަމަދު އެޒަލްޒޯލީ އެވެ. އޮސަސޫނާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށް، ބާސެލޯނާއަށް މާޔޫސްކޮށްލީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލު ޖެހީ އެޒެކީލް އަވީލާ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.