Sat, 22 January, 2022, 6:48 pm
ދުނިޔެ ފަނާވެގެންދާނެ ގޮތް ކަމަށް ހިޔާލަށް ގެނެސް ކުރަހާފައިވާ ކުރެހުމެއް ---

ގައުމެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭ ނަމަ، ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުމަކީ ގާތް ކަމެއް!

Share on twitter
Share on facebook
Share on twitter
Share on facebook

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިބައިމީހުން އިބުރަތް ލިބިގަންނާށެވެ!” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ދުވަހަކަށްފަހު ދުވަހެއް، މަހަކަށްފަހު މަހެއް، އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދާ އިރު، މި ތިބެވެނީ ޣާފިލުކަމުގެ ތަންމަތީގައި ނިދާފައި ކަމަށާއި އެ ނިދިން ހޭލާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރާ ކަމަށެވެ.

އަދި ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް އެ އަހަރުތެރޭގައި ކުޅަ އަމަލުތަކާމެދު އިންސާނުންގެ މައްޗަށް ހެކިދޭ އަހަރެއް ކަމަށާއި އެކަނިމާ އެކަނި ގަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ބުންޏެވެ.

ކުޑަދުވަސްކޮޅެއްގެ ފަހުން މިދުނިޔެއަށް އަލްވަދާއު ކިޔަންޖެހޭނެކަން އެއީ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު އިންކާރުކުރާނެ ކަމެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށްފި މީހަކީ، މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެއް ކަމަށެވެ. ނަމަވެސް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޒާބަށް ހުށަހެޅިގެންދާނެ މީހެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އާހިރަތް ދުވަހު ހުރިހާ މަހުލޫގާތުތައް މަހުޝަރު ކުރެވޭނެކަމާއި ހިސާބު ބެއްލެވޭނެކަންވެސް ގަބޫލުކުރަންޖެހޭ ކަމަށާއި އެދުވަހަކީ މުދަލަކުން އަދި ދަރިޔަކުންވެސް މަންފާކުރާނެ ދުވަހެއް ނޫން ކަމަށެވެ.

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އާހިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡްފުޅުތަކުން އެނގޭ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، ﷲ ހަނދުމަކުރުމުން އެއްކިބާވެ، ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ މަހުލޫގާތުތަކާއި މެދު ނުވިސްނައި ހިތަށް އެރި ގޮތަކަށް އުޅޭ މީހުންގެ މިސާލު، މާތް ﷲ ޖައްސަވާފައި ވަނީ ނައަމްސޫފި ފަދަ ތަކެތީގެ މިސާލުން ކަމަށެވެ.

އަދި ޣައިރު މުސްލިމުންގެ ޝިއާރުތައް ފާޅުކޮށް، އެބައިމީހުންގެ އީދުތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫން ކަމަށާއި އެއީ އެބައިމީހުންގެ ކުފުރާއި ޝިރުކުގެ ޝިއާރުތައް ފާޅުކޮށް އެފަދަ އަމަލުތައް ހިންގުމަށް ވާގިވެރިވެ، އެހީތެރިވުމުގެ ތެރެއިންވާ ކަންކަން ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.