އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން މިއަދު ހަވީރު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ އެކަން ހުއްޓުވައިފި އެވެ.
އިދިކޮޅުން މިއަދު ބާއްވަން އުޅުނު ސައިކަލު ބުރަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިންގެ ހަރަކާތެކެވެ.
އެ ސައިކަލު ބުރު ފަށަން ތައްޔާރުވެފައި ވަނިކޮށް ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވަ ކަމަށާއި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށް ދެކޭ ކަމަށެވެ.
“އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއްކަމުގައިވީ ހިނދު، އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަނެ،” ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާން ނެރުމަށްފަހު ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރިން މަގު ބަންދުކޮށް ސައިކަލް ބުރު ހުއްޓުވައިފަ އެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ޝިލްޑާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.
ސައިކަލް ބުރަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނުމުން، ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޓްރާންސްޕޯޓްް މިނިސްޓްރީންް އެ ޕާޓީއަށް ފޮނުވި ހުއްދައިގެ ސިޓީ ޓުވީޓު ކުރައްވައިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެހިކަލް ބުރުގައި ފުލުހުންގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ފުލުހުން އަންގައި ރޫޓެއްގައި މިސްކިތްތަކާއި ސްކޫލުތައް އަދި ހޮސްޕިޓަލުތަކަށް އުނދަގޫނުވާނެ ގޮތަށް އަޑުގަދަ ކުރާ ހަރުކޮށްގެން ދުއްވުން މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ރާއްޖެއާއި ބޭރު ގައުމުތަކުގެ ގުޅުމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ވެހިކަލް ބުރުގައި ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.