ދިވެހި އަދަބީބަސް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ދިވެހި ވަންތަ ތަސައްވުރަކާއެކު އެސްޓީއޯގެ 2022ގެ ކަލަންޑަރު ލޯންޗުކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި އެ ކަލަންޑަރު ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.
އެސްޓީއޯ އިން ދަނީ ކޮންމެ އަހަރަކަށްވެސް އެކުންފުނީގެ ހާއްސަ ކަލަންޑަރެއް ނެރެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ކަލަންޑަރު ހާއްސަކުރީ އެއްގަމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާމެދު އާންމުން ހޭލުންތެރި ކުރުވުމަށެވެ.
އެސްޓީއޯގެ ހުނަރުވެރި މުވައްޒަފުން ފަރުމާ ކޮށްފައިވާ މިއަހަރުގެ ކަލަންޑަރަކީ އެސްޓީއޯއިން ބުނި ގޮތުގައި, ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތައް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ކަލަންޑަރެކެވެ. އަދި އެ ކަލަންޑަރުގެ ގަނޑުތަކުން ހިޔާލީ ދުނިޔެއަކަށް ފީނާލެވޭނެ ކަމަށްވެސް ބުންޏެވެ.
ހަފުލާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ, ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަސްތައް ބޭނުންކުރާއިރުވެސް އަދަބީ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ. އަދި އެ ބަސްތަކަކީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކާއެކު އައިސްފައިވާ ބަސްތަކެއް ކަމަށް ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި, އަދަބީ ބަހަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ކަލަންޑަރު ފަރުމާކުރަން އިސްކަމެއް ދިނީ ދިވެހިންގެ ތެޜޭގައި ބޭނުންކުރާ މިސާލު ބަހާއި ހަރުބަސްތަކަކީ ވަރަށް ޒަމާނުއްސުރެ އައިސްފައިވާ ބަސްތަކެއް ނަމަވެސް, ދުނިޔެ ބަދަލުވެ, ހިޔާލާއި އާ ކަންކަން އަންނަ އިރު, ހަރުބަހަކީވެސް އާ ވަމުން އަންނަ އެއްޗެއްގެ ގޮތުގައިވުން މުހިންމު ކަމަށް ދެކޭތީ ކަމަށެވެ.
އަދި އާ ހަރުބަސްތަކާއި މިސާލު ބަސްތައް އުފެއްދި އިތުރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.