ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަމިއްލަފުޅު މަސްލަހަތެއް އޮވެގެން ކުރިއަށް ގެންދާ ކެމްޕޭނެއް ނޫން ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ, ޕީޕީއެމުން ބުނެފި އެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ކުރިއަށް ހުރި ހަރަކާތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ, ރައީސް ޔާމީނަކީ ވަތަނީ ބޭފުޅެއް ކަަމަށެވެ. އަދި ޕީޕީއެމް/ ޕީއެންސީއަކީ އަޅުވެތިކަމާ ދެކޮޅަށް ތެދުވަން ކެރޭނެ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
“ރައީސް ޔާމީންގެ އެއްވެސް އަމިއްލަފުޅު މަސްލަހަތެއް އިންޑިއާ އައުޓް ކެމްޕޭނުގައެއް ނޯންނާނެ. ރައީސް ޔާމީނަކީ ވަތަނީ ބޭފުޅެއް. ހާއްސަކޮށް ޕީޕީއެމް, ޕީއެންސީއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އަދި މިނިވަންކަމުގެ ދިފާއުގައި ބަސް ބުނަން ކެރޭނެ އަދި އެކަމުގައި އަޅުވެތިކަމާ ދެކޮޅަށް ތެދުވަން ކެރޭނެ ޕާޓީއެއް,” ހީނާ ވިދާޅުވި އެވެ.
ހީނާ މިހެން ވިދާޅުވެފައި މިވަނީ, އިންޑިއާ އައުޓް ކެމްޕޭނަކީ ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި ކަންކަން ފޮރުވަން ހިންގާ ޖަރީމާއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެފައި ވަނިކޮށެވެ.
ނާޒިމް ވިދާޅުވީ, ބޭރުގެ އެއްވެސް އަސްކަރިއްޔާއަކުން ރާއްޖޭގައި ތިބުމަކީ އެމްއެންޕީން އެދޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަކީ މުޅިން ތަފާތު މަގުސަދެއްގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ވިދާޅުވި އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ގައުމަކާ ދެކޮޅަށް ނުކުމެވަޑައިގެން, އެގޮތަށް ހުންނެވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.