ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާނެ ޝިޕިން ލައިނެއް ގާއިމުކުރުމާ ގުޅޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެން ޝައިޚް ހަސީނާ އާއި ރައީސް ސޯލިހު މިއަދު ވަނީ ރައީސް އޮފީހުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްވަރާ ބައްދަލުވުމަށްފަހު ދެ ގައުމީގެ ލީޑަރުން ދެއްވި ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފަ އެވެ.
ބަޔާން ދެއްވަމުން ޝައިޚް ޙަސީނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ އުފެއްދުންތެރިކަން މިހާރު އިތުރުވަމުންދާ އިރު، އެގައުމުން ރާއްޖެއަށް ކޮމްޕެޓިޓަރުންނާ އެއް އަގެއްގައި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ދެގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވައި ޝައިހް ހަސީނާ ވިދާޅުވީ، ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާގެ ދަތުރުތައް މިދިޔަ މަހު ރާއްޖެއަށް ފަށާފައިވާ އިރު، އެގައުމުގެ ގައުމީ އެއާލައިން ބީމާން ބަންގްލަދޭޝް އިންވެސް ޑާކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމަށެވެ.
އޭގެ އިތުރުން ޑައިރެކްޓް ޝިޕިން ލައިނެއް ގާއިމުކުރުމަށް އޮތް ފުރުސަތާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޝައިހް ހަސީނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.