Mon, 28 November, 2022, 10:40 am
ނާޒިމް (މ) އަދި އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން --- ފޮޓޯ: އެމްއެންޕީ

ރައްޔިތުންގެ އަޑު އުފުލޭނީ ތައުލީމެއް ހުރެގެން, ކިޔޭ ނުކިޔޭ އެއްޗެއް އެނގިގެން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑެއް އުފުލޭނީ ތައުލީމު ހުރި ބޭފުޅަކަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާޢިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓް ތައާރަފުކުރުމާއި ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, އެޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓް, ހަންނާނު އިދުރީސްއަކީ ގައުމިއްޔަތު އިތުރުވެފައިވާ އަދި ޖީލެއް ބިނާކުރެއްވި ބޭފުޅެއް ކަމަށެވެ.

އަދި ހަންނާނަކީ ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ތަޖުރިބާއާއި އިލްމާއި ހިލްމު ލިބިފައިވާ, ކެރިގެން ސާބިތުކަމާއެކު މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއް ކަމަށެވެ. ނާޒިމް ހަންނާނު ސިފަކުރެއްވީ ކޮމަންޑޫ ދާއިރާއަށް ލިބިވަޑައިގަންނަވާނެ ރަން މަލެއް ފަދަ ބޭފުޅެއްގެ ގޮތުގަ އެވެ.

ނާޒިމް ވިދާޅުވީ, އެމްއެންޕީ ވުޖޫދުކޮށް, ރައްޔިތުންގެ ހިދުމަތަށް ނުކުތީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށެވެ. އެއީ މިގައުމުގައި ދެކެމުންދާ ހިތާމަވެރި ދުވަސްތައް އަނބުރާ އުފާވެރި ދުވަސްތަކަކަށް ބަދަލުކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ.

“މަޖިލީހުގައި މަސައްކަތްކުރާ މެންބަރަކީ ތައުލީމީ ގޮތުން ގާބިލު, ކިޔޭ ނުކިޔޭ އެއްޗެހި އެނގޭ ފަދަ ބަޔަކަށްވުން. ރައްޔިތުންގެ އަޑެއް ނުއުފުލޭނީ ތައުލީމު ނެތް ބޭފުޅަކަށް. މަސައްކަތެއްތަކެއް ނުކޮށް ހުރި ބޭފުޅަކަށް އެކަން ނުކުރެވޭނޭ,” ނާޒިމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.