Thu, 8 December, 2022, 10:38 am

ބިންގާ އެޅިތާ އަށް އަހަރު ފަހުން ފުލުހުންގެ ފުލެޓްތައް ނިންމަން ހަވާލުކޮށްފި

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަން ފެށި ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ބެލުމުގެ ދަށުން ތިން ކޮޓަރީގެ 361 ފްލެޓުގެ ތިން ޓަވަރު ހަދާނެ އެވެ. އެއިން ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްކޮށް 1100 އަކަ ފޫޓެވެ.

އެތަނުގެ ބިންގާ އެޅީ 2013 ވަނަ އަހަރެވެ. ނޫމަޑިއާ އެ މަޝްރޫއު ހަވާލުކުރީ 18 މަހުން ނިންމުމަށެވެ. ނަމަވެސް ޖެނުއަރީ 2016 ވަނަ އަހަރު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް, އެ އަހަރުގެ މެއި މަހުގެ ތެރޭގައި އައިލެންޑް އެކްސްޕާޓާ ހަވާލުކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުންވެސް ވަނީ އުވާލައިފަ އެވެ.

އެފަހުން އެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާ އިރު, ފުލުހުންގެ ފްލެޓުތަކުގެ 85 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

އެ ޕްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އަމީންއާ ހަވާލުކުރީ 274.5 މިލިއަން ރުފިޔާއަށެވެ. އެއީ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.

މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ ޕާކިން އޭރިއާ, ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕަސް ހޯލް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.