Sat, 22 January, 2022, 8:09 pm

ކަންދެއްކުމަކީ މުނާފިގުންގެ ސިފައެއް، ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ އެމީހުން!

Share on twitter
Share on facebook
Share on twitter
Share on facebook

ގިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ ކަންދައްކާ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހެޔޮ އަމަލު ކުރުމުގައި އިހުލާސްތެރިވުން” މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކުރާ ހެޔޮ އަމަލުތަކުގެ ސަވާބުނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކުވާ ކަމަށާއި އޭގެ ތެރޭގައި ކަންދެއްކުން ހިމެނޭ ކަމަށެވެ. އެހެންކަމުން ކަންދެއްކުމާ ދުރުހެލިވެ ވަޑައިގަތުމަށް ނަސޭހަތްތެރިވެ، ކަންދެއްކުމުގެ ތެރެއަށް ވަޑައިނުގަތުމަށް ކީރިތި ރަސޫލާ އެކަލޭގެފާނުގެ ސަހާބީންނަށް އިރުޝާދު ދެއްވި ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އަމިއްލަ އެދުންތައް ބޮޑުވެ، މަދަހަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް އިހުލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމަށާއި ފަހުރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިހުލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށެވެ. އަދި ކުރާ ރަނގަޅު އަމަލުތައް، ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށް ބުންޏެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ގޮތުގައި ކަންދެއްކުމަކީ މުނާފިގުންގެ ސިފައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކަންދެއްކުމަކީ ރަނގަޅު ސާލިހު އަމަލުތައްވެސް ފާސިދުވެގެންދާ ކަމެއް ކަމަށެވެ. އަދި ކަން ދެއްކުމަށް ކުރާ ނަމާދަކީ ސަވާބުގެ ބަދަލުގައި އެއިން އަޒާބު ލިބޭ އަމަލެއް ކަމަށާއި އެހެނީ އިހުލާސްތެރި ކަމެއް ނެތި ކުރެވޭ ނަމާދަކީ އޭގައި ފުރާނައެއް ނެތް މައްޔިތެއް ފަދަ އަޅުކަމެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، ގިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަރަކައަށް ވައްދަވާނީ ކަންދައްކާ މީހުން ކަމަށެވެ. އަދި އެއީ ޝައިތާނާގެ ދޮރޯއްޓެއް ކަމަށާއި އެއީ ސާލިހު އަމަލުތައް ހަރާބު ކުރާ ވައިރަހެއް ކަމަށްވެސް ބުންޏެވެ. އަދި އެ ވައިރަސް މަރާލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ އިހުލާސްތެރިކަން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މި ޒަމާނަށް ބަލައި އިރު، ބައެއް މުސްލިމުން ސަދަގާތެއް ނުވަތަ އުމްރާއެއް ނުވަތަ ރޯދައެއް ހިފުން ފަދަ ހެޔޮ އަމަލެއް ކުރުުމަށްފަހު، އެ ވާހަކަ ސޯޝަލް މީޑިއާގައި ފަތުރާތަން ފެންނަ ކަމަށާއި އެއީވެސް ކަންދެއްކުމުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ އެކަމާ ދުރުހެލިވާންޖެހޭ ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.