Sat, 22 January, 2022, 6:50 pm
އެންމެ ފުރަތަމަ ހޯމްސްޓޭ ޓޫރިސްޓުން ޖޫލީއާއި ކައިލް --

ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ: ރަށްފުށުގެ ދިރިއުޅުމާއި ދިވެހިންގެ ހިތްހެޔޮކަން، ފިލައިގެން ނުދާނެ

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރިތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެއީ މިއަދު ރަށަށާއި ރައްޔިތުންގެ ޖީބަށް ސީދާ ޑޮލަރު ވަންނަ އެންމެ ބޮޑު މާކެޓެވެ. ކާމިޔާބު ކޮންސެޕްޓެކެވެ. ގެސްޓްހައުސްތައް ބޮޑުވެ، ރިސޯޓް ފެންވަރުގެ ހިދުމަތްތައް ދެވޭ ފެންވަރުގެ ތަންތަން ހަދައި، މިއަދު ހިދުމަތް އެބަ ދެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް މި ސަރުކާރުން ތައާރަފު ކުރި ކަމަކީ ހޯމްސްޓޭ އެވެ. މިއީ ގޭގައި ހުހަށް ހުންނަ އެންމެ ކޮޓަރިއެއްވެސް ރަޖިސްޓާ ކޮށްގެންވެސް ކުރެވިދާނެ ކަމެކެވެ. އެންމެ ނިކަމެތި މީހާގެ ޖީބަވެސް ޑޮލަރު ވަންނާނެ ވިޔަފާރިއެކެވެ. އެ ވިޔަވާރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުން އެންމެ ފުރަތަމަ ރަޖިސްޓާ ކުރި ބަޔަކީ މ. ދިއްގަރު، މޫރިތިގެ އެވެ.

ސަގާފީ ކުޅިވަރާ އެެކު މިދިޔަ ހޮނިހިރު ދުވަހު ފެށި ހޯމްސްޓޭގެ އެންމެ ފުރަތަމަ ފަތުރުވެރިންވެސް ދިޔައީ އެ ގެއަށެވެ. އެއީ އެމެރިކާގެ ދެމަފިރިއެއް ކަމަށްވާ ޖޫލީ މެކްއާއި އޭނާގެ ފިރިމީހާ ކައިލް ހޭންޑެވެ. ޖޫލީގެ ފޭސްބުކްގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފައި ވަނީ އުފަލާއެކު އެވެ.

ޖޫލީ ބުނީ، އޭނާއާއި ފިރިމީހާ ކައިލްގެ ގިނަ ދަތުރުތައް ރާވަނީ އެ ދާ ތަނެއްގެ ސަގާފަތާއި އެތަނެއްގެ ރައްޔިތުންގެ ދިރިއުޅުން ބަލައިލުމުގެ ބޭނުމުގައެވެ. އަދި ދިއްގަރަށް ދިއުމަަށްފަހު، އެ ރަށު ސްކޫލަށާއި ސިއްހީ ހިދުމަތް އޮންނަ ގޮތް އެނގި، ރަށުގެ މީހުން ދިރިއުޅޭ ގޮތާއި އެމީހުންގެ ސަގާފަތްތައް ފެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވަނީ އެރަށުން ދިމާވި މީހުންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް، އެރަށް އެކަމަކަށް މަޝްހޫރު ރިހާކުރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލަން ލިބުމުން އެކަމާވެސް އޭނާ ވަނީ އުފާކޮށްފައެވެ. ޖޫލީ ބުނީ އަދި އެއް ދުވަހު އެ ރަށުގައި މަޑުކުރާ އިރު، އަދިވެސް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްލަން ލިބޭނެކަަށް އުންމީދުކުރާ ކަމަށެވެ. އަދި އެކަންތައްތައް އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ ކަމަށް ބުންޏެވެ.

މިއީ ހޯމްސްޓޭ ތަޖުރިބާކުރި ފުރަތަމަ ފަތުރުވެރިންގެ ވާހަކަ އެވެ. ހޯމްސްޓޭ ކުރިއަރައި، ފުޅާވެގެންދާ ވަރަކަށް ޖޫލީއާއި ކައިލް ފަދަ އެތައް ބަޔަކަށް ރާއްޖޭގެ ސަގާފަތާއި ރަށްފުށު ދިރިއުޅުމުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއީ ރާއްޖޭގެ ސަގާފަތް ގިނަ ބަޔަކަށް ކިޔައިދިނުމަށްވެސް ލިބޭ ފުރުސަތަކަށް ވެގެންދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.