Tue, 18 January, 2022, 3:28 am

ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށަނީ

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ އެކްޓިން އިންޗާޖް އިބްރާހިމް ތޯހާ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެމްއޭސީއެލްއަކީ ގައުމުގެ އިގުތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓު ކުރާ އެއް ކުންފުނި ކަމަށެވެ.

އަދިި އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި އެފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި ގުޅުން ހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށާއި ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ.

“އެމްއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތް ކަމަށް އެމްއޭސީއެލްއަށްވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާއެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސްޓެލްކޯއިން އެމްއޭސީއެލްވެސް އަދި ސަރުކާރުގެ އެހެން އެސްއޯއީސްތަކާއި އެހެން އާންމު ފަރާތްތައްވެސް އެބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން،” މުޣުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ތޯހާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާ ކަމަށާއި އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓާޕްލޭނުގައިވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭ އިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި މިވަގުތު އެމްއޭސީއެލުން ހުޅުލެއަށް ކަރަންޓު ދެމުންގެންދާ އިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވާ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ، މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ” ތޯހާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ. މި ގްރިޑާއެކު ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.