Mon, 28 November, 2022, 9:32 am
19 ޑިސެމްބަރު 2021, މާލެ, އެމްއެންޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް --- ހަފްތާ ފޮޓޯ

މެންބަރު ވަހީދުގެ ވައުދުތައްވެސް އެމްއެންޕީން ފުއްދައިދޭނަން: ނާޒިމް

ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު، އަލްމަރްހޫމް ހުސެއިން ވަހީދު، ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފުރިހަމަކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަނުގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާނުގެ ކެމްޕޭނަށް މިރޭ ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މެންބަރު ހުސެއިން ވަހީދަކީ ދާއިރަގެ ރައްޔިތުންނަށް އަމިއްލަގޮތުންވެސް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެ ދާއިރާއަށް ގިނަ ވައުދުތަކެއްވެސް ވެވަޑައިގެންފައިވާ ކަމަށާއި، އެކަންކަންް އެމްއެންޕީން ފުއްދައިދޭނެ ކަމަށެވެ.

“އެހެންވީމާ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ތި ބޭފުޅުންނަށް ދަންނަވަން އޮތީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަލްމަރްހޫމް ހުސެއިން ވަހީދު ވެވަޑައިގެންފައިވާ ވައުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީން ތި ހުރިހާ ރައްޔިތުންނަށް ފުއްދައިދޭނެ ކަމަށް” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މެންބަރު ވަހީދުގެ ވައުދތަކުގެ ތެރޭގައި ކުޅިވަރު ދާއިރާގެ ގިނަ ވައުދުތަކެއް ހިމެނޭ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މަޖިލީހަށް ހޮވައިފި ނަމަ، މެންބަރު ވަހީދު ބާއްވަވާނެ ކަމަށް ވައުދުވެވަޑައިގެން ހުރިހާ މުބާރާތެއްވެސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މެންބަރު ހުސެއިން ވަހީދު އަވަހާރަވީ ކެންސަރު ބަލީގައި ހާލު ސީރިޔަސްވެ، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.