Sat, 22 January, 2022, 8:03 pm

ހުތުރުކަން ބޮޑު ފާފައިގެ އަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ!

Share on twitter
Share on facebook
Share on twitter
Share on facebook

މާތް اللهގެ އަޅުތަކުން ފަލީހަތްނުކޮށް, އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ الله ދެކެ ބިރުގަންނަ, އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ތިމާގެ އަހާ ފަޟީހަތް ކުރުމުން ދުހެލިވުން” މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރިވެތި ސިފަތަކާއި މާތް އަހުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާކުރުންވާ ކަމަށާއި الله އަކީ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށެވެ. އެހެންވެ, އިސްލާމް ދީން, މުސްލިމުންނަށް އެމީހުންގެ އައުރަ ނިވާކުރުމަށާއި އެހެން މީހުންގެ ސިއްރުތައް ރައްކާތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވާލާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑި ހުތުރު އަމަލުތައްވެސް ވަންހަނާ ކުރުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި ތިމާ އެފަދަ ކަންކަން އާމުކޮށް ފާޅު ނުކުރާހައި ހިނދަކު, މާތް الله އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި, ވަންހަނާކޮށް ދެއްވާނެ ކަމަށް ބުންޏެވެ.

މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުންނަށް އިންޒާރު ދެއްވަމުން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ދުލުކުރިން އީމާންވެ, އެ އީމާންކަން ހިތުގެ ތެރެއަށް އަދި ނުވަންނަ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންގެ އީބަ ނުބުނާށެވެ! އަދި ތިޔަބައިމީހުން އެބައިމީހުންގެ އުނި ސިފަތަކާއި ސިއްރުތައް ހާމަނުކުރާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަކޮށްފި މީހާ, އޭނާގެ ގޭތެރޭގައި ފިލައި އޮތަސް މާތް الله, އޭނާ ފަލީހަތް ކުރައްވާނެތެވެ!”

ހުތުބާގައި ބުނީ, الله ގެ އަޅުތަކުން ފަޟީހަތްނުކޮށް, އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ الله ދެކެ ބިރުގަންނަ, އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި ފޮޓޯތަކާއި ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ބުންޏެވެ.

މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަމަކަށަވަރުން, އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި އަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުންވެ އެވެ. އެމީހުންނަށް ދުނިޔެއާއި އާހިރަތުގައި ވޭންދެނިވި އަޒާބު ހުށްޓެވެ. الله ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަށް ނޭނގެތެވެ,”

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.