އެމެރިކާ އަދި އިންޑިއާގެ ފިލްމު އިންޑަސްޓަރީގެ ތަރި އަދި މޮޑެލް, ސަނީ ލިއޯން ޗުއްޓީއަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ސަނީ ލިއޯން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައިވެސް ރާއްޖެ އައިސްފަ އެވެ. އެފަހަރު އޭނާ ރާއްޖެ އައީ ފިރިމީހާ ޑެނިއަލް ވެބާ އަދި ތިން ކުދިން ކަމަށްވާ، ނިޝާ، އާޝާ އަދި ނޯއާއާވެސް އެކުގަ އެވެ.
އަދި ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި އޮންނަ ހަތަރު ތަރީގެ ރިސޯޓް, ސަން ސިޔާމް އޮޅުވެލި ރިސޯޓުގަ އެވެ.
ނަމަވެސް ސަނީ ލިއޯން މިފަހަރު ރާއްޖެ އައިސްފައި ވަނީ ފިރިމީހާ އާއި އަންހެން ދަރިފުޅު ނިޝާ ނުލަ އެވެ. އެމީހުން އިއްޔެ ރާއްޖެ އައިސްފައިވާ އިރު، ޗުއްޓީ ހޭދަކުރަމުން ދަނީ ވިލާ ހޮޓެލްސްގެ ރިސޯޓެއް ކަމަށްވާ ރޯޔަލް އައިލެންޑް އެންޑް ސްޕާގަ އެވެ.
އުމުރުން 40 އަހަރުގެ ސަނީ ލިއޯންގެ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ވީޑިއޯ ކޮޅެއްގައި ބުނެފައި ވަނީ، އެނބުރި ”ސުވަރުގެއަށް” އާދެވިއްޖެ ކަމަށެވެ.
ސަނީ ލިއޯންގެ ކުރިއަށް ފަސް ފިލްމެއް އެބަ އޮތެވެ. އޭގެ ތެރެއިން މިއަހަރު ހަތަރު ފިލްމެއް ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.