Sat, 22 January, 2022, 8:11 pm
އިސްލާމީ މަރުކަޒުގައި މިއަދު ކުރި އަޟްހާ އީދު ނަމާދު: އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް ވަނީ ނިންމާފައި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަގުބޫލު އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ފާފައެއް, ހިތުގައި ސިއްކަޖެހި ބަންދުވާނެ ކަމެއް: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

މަގުބޫލު އުޒުރަކާ ނުލައި ހުކުރަށް ނައިސް ތިބުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަންނާށެވެ!” މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހުކުރު ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ދުވަސް ކަަމަށާއި އެއީ ބަރަކާތުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި މި ހުކުރު ދުވަހަކީ އެތައް ގޮތަކުން މާތް الله މަތިވެރި ކުރައްވާފައިވާ ދުވަހެއް ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާކުޑަ ކުރުމާއި ހުކުރު އަޅާފައި ދަތުރު ދިއުމާއި ހުކުރަށް ނައިސް ތިބުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް ކަމަށް ހުތުބާގައ ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މީސްތަކުން ހުކުރުނަމާދު އަޅައިފުމުން ރައްކާތެރިވާ ހުށިކަމެވެ. ނޫންނަމަ, الله ތައާލާ އެއުރެންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާ ހުއްޓެވެ. ދެން, ހަމަކަށަވަރުން އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ.”

ހުތުބާގައި އިތުރަށް ބުނީ, ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރިވުން ނުވަތަ އެނޫންވެސް ޝަރުއީ އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.

ހުތުބާގައި ބުނީ, ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ. އަދި މާތް الله އިންސާނުންނަށް އެފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑި ނޭޅި ތަކުރާރުކޮށް ދެއްވަނީ, އެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ކަމަށާއި އެކަމުގެ ސަބަބުން ފާފަތައް ފުހެވި, ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބުރަވެ, ދެދުނިޔޭގެ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, މާތް الله ގެ ނިދާއަށް ކިޔަމަންތެރިވެ, ދުންޔަވީ މަސައްކަތުން ދުރުވެ, ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިންނާއި ހިދުމަތް ހޯދާފަރާތްތަކުން ހުކުރު ވަގުތަށް ބެލުމެއް ނެތި, އެބައިމީހުންގެ ވިޔަފާރިން މަންފާ ހޯދައި, ހިދުމަތް ލިބިގަތުމުގައި އުޅޭތަން ފެންނަ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ހުކުރު ދުވަހުގެ ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތް الله ހާއްސަކުރައްވާފައިވާ މަލާއިކަތުންގެ ފަށްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށާއި ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެ ކަމަށެވެ. އަދި މާތް الله ހުކުރު ނަމާދަށް ހާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވެގެންދާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.