Sat, 22 January, 2022, 6:56 pm
ދެކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިފްތިތާހުކުރުން -- ފޮޓޯ: އެމްޓީސީސީ

ބޯހިޔާވަހިކަމަށް އެދިގެން ތިބޭތާ 40 އަހަރު ފަހުން ކޮމަންޑޫ ރައްޔިތުންނަށް އުފާވެރިކަން

Share on twitter
Share on facebook
Share on twitter
Share on facebook

ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ކޮމަންޑޫއާއި މަތިކޮމަންޑޫގެ ބިން ހިއްކައި، ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރާނެއެވެ. އޭގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެއެވެ.

އެ މަޝްރޫއު އިފްތިތާހު ކުރުމާ ގުޅިގެން “ހަފްތާ” އަށް ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ސިނާނު ވިދާޅުވީ، އެރަށު ރައްޔިތުން ބޯހިޔާވަހިކަމުގެ އުންމީދުގައި ތިބޭތާ 40 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަމަށެވެ.

“ރަށުގެ ބިން ނެތުމުން ގޯތި ދޫނުކުރާތާ 40 އަށްވުރެ ގިނަ އަހަރު ވެފައި މިވަނީ” ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ މި މަޝްރޫއަކީ އެރަށު ރައްޔޮތުންގެ ގިނަ އުންމީދުތަކަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކަވެސް، ކޮންމެ އިންތިހާބަކާ ދިމާކޮށް އެކި ފަރާތްތަކުން ދައްކައެވެ. އެގޮތުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު އަހަރުތަކުގައިވެސް އެކަމަށް ވައުދުވެވަޑައިގެންފައިވާއިރު، އެޔަށް ފަހު 2008 ވަނަ އަހަރުގެ އިންތިހާބުގައި ގާސިމް އިބްރާހީމްވެސް އެ ވައުދުވެވަޑައިގެންނެވިއެވެ.

މިއަދު އިފްތިތާހުކުރި މަޝްރޫއު ނިމުމުން ކޮމަންޑޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެއީ 250 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.