ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށުގައި ރިސޯޓެއް ހަދަން ހުޅުވާލައިފި އެވެ.
އެ ތިން ރަށަކީ ދިގުރަށް، މެދުރަށް އަދި މައިރަށް (ދިގުވެލިދޫ) އެވެ. އެ ތިން ރަށް، އެއީ އެއް ރަށެއްގެ ގޮތުގައި ބަލައި، އެތަނުގައި ރިސޯޓެއް ހަދަން ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމަނައިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓޫރިޒަމް ތައާރަފުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.
ރަށްތަކުގެ ތަފުސީލު:
- ދިގުރަށް: 5.1 ހެކްޓަރު
- މެދުރަށް: 6.7 ހެކްޓަރު
- މައިރަށް: 7.7 ހެކްޓަރު
- އެކިއުޒިޝަން ކޮސްޓް: 1.2 މިލިއަން ޑޮލަރު
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ތިން ރަށުގައި ތަރައްގީކުރަން ބޭނުންވަނީ 300 އެނދުގެ ރިސޯޓެކެވެ. އެ ތިން ރަށް ހިއްކައިގެންވެސް ރިސޯޓު ހެދުމުގެ ފުރުސަތު ދީފައިވާ އިރު، އެ ރަށްތަކުގެ އެންމެ ދަށް އެކިއުޒިޝަން ކޮސްޓަކީ 1.2 މިލިއަން އެމެރިކާ ޑޮލަރު (18.5 މިލިއަން ދިވެހި ރުފިޔާ) އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު “ހަފްތާ” އަށް ވިދާޅުވީ، އެ ތިން ރަށުގައި ރިސޯޓެއް ހަދަން ނިންމީ ކޮމަންޑޫ ކައުންސިލާއި އެރަށު ރައްޔިތުންގެވެސް މަޝްވަރާ ހޯދައިގެން، އެކަމަށް އެރައްޔިތުން އެދޭތީ ކަމަށެވެ.
ށ. އަތޮޅުގައި މިވަގުތު އޮތީ އެންމެ ދެ ރިސޯޓެވެ. އެއީ ށ. ވަގަރުގައި ތަރައްގީކޮށްފައިވާ 159 އެނދުގެ ޖޭ.ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އާއި ށ. ގާކޮށިބީގައި ތަރައްގީކޮށްފައިވާ ސިއްރު ފެންފުށި ރިސޯޓެވެ. އެއީ 68 އެނދުގެ ރިސޯޓެކެވެ.
ސަރުކާރުން ރިސޯޓް ހަދަން ހުޅުވާލި 18 ރަށުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއް ހިމަނާފައިވެ އެވެ. އެއީ ދިގުރަށް، މެދުރަށް އަދި މައިރަށް (ދިގުވެލިދޫ)ގެ އިތުރުން މާއުނގޫދޫ ކައިރީގައި އޮންނަ ކުޑަޅައިމެންދޫ އެވެ. ޖުމުލަ 14.70 ހެކްޓަރުގެ އެރަށުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައި ވަނީ 430 އެނދުގެ ރިސޯޓެކެވެ.