ދެވަނަ ބޮޑު ހަނގުރާމައިގައި ގެއްލުނު އެއާކްރާފްޓެއް 77 އަހަރު ފަހުން ފެނިއްޖެއެވެ.
މީގެ 77 އަހަރު ކުރިން އެ ބޯޓު ގެއްލުނީ ޗައިނާގެ ކުންމިން ސަރަހައްދުން 13 މީހުން ގޮވައިގެން އިންޑިއާގެ އަރުނާޗަލް ޕްރަދޭޝަށް ދަތުރުކުރަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން، އެ ބޯޓު ގެއްލުނީ މޫސުން ގޯސްވެ، ގަދަ ކޮޅިގަނޑެއްގައި ޖެހިގެންނެވެ. އެޔަށް ފަހު އެ ބޯޓުގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.
އެ ބޯޓު ފެނިފައި ވަނީ އިންޑިއާާގެ ހިމާލަޔަސް ސަރަހައްދުންނެވެ. އެއީ އެ ބޯޓުކަން ދެނެގަނެވިފައި ވަނީ އޭގެ ޓެއިލް ނަމްބަރުންނެވެ. އެހެން ނަމަވެސް އެ ބޯޓުގައި ތިބި އެއްވެސް މީހެއްގެ ހަށިގަނޑު ނޫނީ ކަށިތައްވެސް ފެނިފައެއް ނުވެއެވެ.
އެ ބޯޓު ހޯދުމަށް ދާދި ފަހުން އަލުން ބޮޑު ހަރަކާތެއް ފެށި އިރު، ބޯޓު ހޯދުމުގައި އުޅުނު ތިން މީހަކު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްނޯގެ ތޫފާނެއްގެ ތެރޭގައި މަރުވެފައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުން، ބޯޓު ހޯދުމުގެ މަސައްކަތް ފެށީ އެ ބޯޓުގައި ހުރި އޮފިސަރެއްގެ ދަރިއެވެ. އަދި ބައްޕަ ގެއްލުނު ހަބަރު އޭާގެ މަންމައަށް ލިބުނީ އޭނާގެ އުމުރުން 13 އަހަރުގައި ކަމަށް، ބޭރުގެ މީޑިއާތަކަށް މައުލޫމާޓު ދެމުން އޭނާ ބުނެފައި ވެއެވެ. އޭނާ ބުނީ، ބައްޕަގެ ހަށިގަނޑު ނުފެނުނަސް، ބޯޓު ވެއްޓުނުތަން އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.