ބ. ގޮއިދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާތީ އެރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ގޮއިދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އަހުމަދު ފަޒީލް ވިދާޅުވީ، އެރަށުން މިހާރުވެސް 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި އެބަ ތިބި ކަމަށެވެ. އަދި އެރަށުގައި ކޮވިޑު ފެތުރެން ފެށީ ސްކޫލު ޗުއްޓީއާ ދިމާކޮށް، ރަށަށް އަރައި ފައިބާ މީހުން އިތުރުވުމުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
ފަޒީލް އިތުރަށް ވިދާޅުވީ، އެރަށުގައި ކޮވިޑުގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް ފެތުރެމުންދާ ކަމަށެވެ. އެގޮތުން މިއަދު ސިއްހީ މަރުކަޒުގައި ހިދުމަތް ދޭންވެސް ތިބީ އެންމެ ހަތަރު މުވައްޒަފުން ކަމަށާއި ސްކޫލުންވެސް 10 ޓީޗަރަކު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވަގުތު އަދި ޑޮކްޓަރުގެ ހިދުމަތް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އިތުރަށް ނަރުހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ހާލަތު ގޯސްވުމުގެ ސަބަބުން މާދަމާއިން ފެށިގެން ސްކޫލުތައްވެސް ބަންދުކުރާނެ ކަމަށް ވިދާޅުވި އެވެ.