ރައްޔޮތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒުފޯރުވާތީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮމަންޑޫ ދާާއިރާގެ ބައި އިލެކްޝަނަށް ކެމްޕޭނު ކުރަމުންދާއިރު ގާނޫނާ ގަވާއިދުތަކާ ފުށުއަރާ ކަންކަން ފެންމަތިވަމުންދާ ކަމަށެވެ. އެގޮތުން މީސްމީހުންނަށް ހައްޖު، އުމްރާ ދަތުރުތަކާއި، މަތީތައުލީމުގެ ފުރުސަތުުތައް ހަދިޔާގެ ގޮތުގައި ދެމުންދާކަން ފެންމަތިވަމުންދާ ކަމަށާއި، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެކި އިންތިހާބުތަކުގައިވެސް ހިނގާފައިވާ ކަންކަން ކަމަށް ބުންޏެވެ.
އެ ޕާޓީން ބުނީ އެފަދަ ކަންކަމުގެ ނަތީޖާއަކަށް ވަނީ ނާގާާބިލު މީހުން މަގާމުތަކަށް އިންތިހާބުވުން ކަމަށެވެ. އެހެން ކަމުން އިންތިހާބުގައި ވާދަކުރާ ކެންޑިޓޭޓުންނާއި އެ ފަރާތްތައް ނިސްބަތްވާ ޕާޓީތަކުން ގާނޫނާ ހިލާފު ނުވާނެހެން ކެމްޕޭނުކުރުމަށް އެމްއާރްއެމުން ގޮވާލައިފައި ވެއެވެ.
އޭގެ އިތުރުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ ކެންޑިޑޭޓަކު ކުރިމަތިލައިފައިވާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބޭ ކޮންމެ މީހަކަށް 1،500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަށްވުރެ އިތުރުވާނެ ވަރަށް ހަރަދު ނުކުރުމަށް އެ ޕާޓީން ގޮވާލާފައި ވެއެވެ.
އެމްއާރްއެމުން ވަނީ ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި، ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުން ކުރުމަށް ރައްޔިތުންނަށްވެސް ގޮވާލައިފައެވެ. އަދި އިންތިހާބު އިންސާފުވެރި ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅޭ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލާފައި ވެއެވެ.