Thu, 26 May, 2022, 12:37 pm
ލ. ދަނބިދޫ މަތިން ނަގާފައިވާ ފޮޓޯއެއް --

މުބާރާތެއް ކުޅެފައި އައި ބައެއްގެ ފަރާތުން ދަނބިދޫއަށް ކޮވިޑުގެ ރާޅެއް، ޓާސްކް ފޯސްގެ ގިނަ މީހުން ކަރަންޓީނުގައި

Share on twitter
Share on facebook
Share on twitter
Share on facebook

ލ. ދަނބިދޫގައި ހަލުވިކަމާއެކު ކޮވިޑު ފެތުރޭތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެކަމާ ގުޅިގެން “ހަފްތާ”އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ރައީސް އިބްރާހީމް މިމްރާހް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ކޭސް ފެނުނީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއްގެ ފަރާތުން ކަމަށެވެ. މިމްރާހް ވިދާޅުވީ އެއީ އެރަށު ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށާއި، ސާމްޕަލް ނެގުމުގެ ދެ ދުވަސް ކުރިން އެ ލ. ގަމު ކައުންސިލުން ބޭއްވި މުބާރާތެއްގައި އެ ޓީމު ބައިވެރިވެފައިވާ ކަމަށެވެ.

އެ މުބާރާތް ބޭއްވި ދުވަސްވަރު ގަމުގައި ކޮވިޑު ކޭސްތަކެއް އުޅުނު ކަމަށް މިމްރާހް ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި ކުޅުންތެރިޔާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު އިތުރު ތިން ކުޅުންތެރިއަކުވެސް މިހާރު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު އެ ރަށުގައި 16 އެކްޓިިވް ކޭސް އުޅޭއިރު، އޭގެ ތެރޭގައި ސްކޫލު ދަރިވަރުންނާއި ޓީޗަރަކުވެސް ހިމެނެއެވެ. އަދި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ރަށަށް ދިޔަ ބައެއް ފަރާތްތައްވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި 21 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބެއެވެ. މިމްރާހް ވިދާޅުވީ އެކްޓިވް ކޭސްތަކުގެ ތެރޭގައި ގިނައީ ރަށުތެރެއިން ނެގި ރޭންޑަމް ސާމްޕަލް ކަމަށެވެ.

އެރަށުގައި 40 ވަރަކަށް ގެ ކަރަންޓީނުކޮށްފައިވާއިރު، އެއީ ރަށުގެ މެޖޯރިޓީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށު ކޮވިޑު ޓާސްކް ފޯސްގެ ގިނަ މީހުންނާއި ކައުންސިލުގެ ގިނަ މީހުންވެސް ކަރަންޓީނުކޮށްފައި ތިބުމުން، އަލުން ޓީމެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

“ރަށުގެ މެޖޯރިޓީ މިހާރު މިއޮތީ ކަރަންޓީނުގައި. އެހެންވެ މިހާރު މިރަށު ސްކޫލާ ފެނަކައާ ގުޅިގެން އާ ޓީމެއް ނަގާފަ މި ވަނީ ފިހާރައިން ޑެލިވަރީތަކާއި ކުނި އުކާލުމާ ކަންކަން ބަލަހައްޓަން” މިމްރާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށުގެ ވެކްސިން ޖެހޭ އާބާދީގެ 100 ޕަސަންޓު މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.