“އަލަށް ބަދަލުވުމުންވެސް އޭނާގެ ހުރި އެކުވެރި މިޒާޖާއި ރަހުމަތްތެރިކަމުގެ ސަަބަބުން އޭނާއަށް ތައުރީފު ކުރެވުނެވެ،”
މިއީ ހުޅުމާލޭގައި މީގެ ދެ ދުވަސް ކުރިން ހިންގި އެކްސިޑެންޓެއްގައި ނިޔާވި އައިމިނަތު އީމާން (އީމާ)ގެ ހަނދާން ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މުހައްމަދު ޝައްމޫން އާކުރި ގޮތެވެ. ނަމަވެސް އީމާއަކީ އޭނާގެ މާ ގިނަ ދުވަސްވީ ރަހުމަތްތެރިއެއް ނޫނެވެ. ދިމާވީވެސް އެންމެ ދުވަހަކު އެވެ. އެއީ ހިތާމަވެރި ހާދިސާގައި އީމާ ނިޔާވުމުގެ ތިން ދުވަސް ކުރިންނެވެ.
“ތިން ދުވަސް ފަހުން މި ލިބުނީ އަޅުގަނޑާ އަލަށް އެކުވެރިވި އެ އެކުވެރިޔާ މި ފަނާވަނިވި ދުނިޔެ ދޫކުރި ހަބަރެވެ. ވަރަށް ދެރަވެއްޖެއެވެ. ބުނެދޭން ނޭނގޭ ހިތްދަތި ކަމެއް ލިބިއްޖެއެވެ،” ޝައްމޫން ބުނެފައިވެ އެވެ.
މިއަދު ޝައްމޫންގެ އަތުގައި އޮތީ އީމާގެ އެންމެ ހަނދާނެކެވެ. ފުރަތަމަ ބައްދަލުވީ ދުވަހު އީމާ ހަދިޔާކުރި ފޮތިން ފަހާފައިވާ ކޮތަޅެކެވެ. އީމާގެ ހަނދާނެއްގެ ގޮތުގައި އެ ކޮތަޅު ރައްކާ ކުރާނެ ކަމަށް ޝައްމޫން ބުންޏެވެ.
އުމުރުން 29 އަހަރުގެ އީމާ ނިޔާވީ އެކްސިޑެންޓުގެ ސަބަބުން ސިކުނޑި މަރުވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އީމާ ނިޔާވުން ވެގެން ދިޔައީ ޝައްމޫނެކޭ އެއްގޮތަށް އެތައް ބަޔަކަށް ގަބޫލުކުރަން އުނދަގޫވި ކަމަކަށެވެ. އާއިލާއާއި އެކުވެރިންގެ ހިތްތައް ހަލާކުކޮށްލި ހާދިސާއަކަށެވެ.
ހާއްސަކޮށް ވިލިމާލޭގެ ރައްޔިތުންނަށް އޭނާގެ ހިންގުންތެރިކަމެއް އޮޅިފައެއް ނޯންނާނެ އެވެ. ގިނަ ބައެއްގެ ތާއީދާއެކު އަންހެނުންގެ ކޮމިޓީއަށް އީމާ އިންތިހާބުވީވެސް ވިލިމާލެ ދާއިރާއިންނެވެ. އެ ކޮމިޓީގައި އިންނަ އެންމެ ހަގު މެންބަރުގެ އިތުރުން ތަނުގެ ނައިބު ރައީސްގެ މަގާމު އޭނާ އަދާކުރި އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުޅުމާލެ ދާއިރާގެ މެމްބަރު ސާމިޔާ އަބްދުﷲ ވިދާޅުވި ގޮތުގައި، އީމާގެ ވަކިވުމަކީ އެ ކޮމެޓީއަށް ފޫނުބެދޭވަރުގެ ހިތްދަތިކަމެކެވެ.
“ދާދި ދެއްމެ މިފަނާވަނިވި ދުނިޔެއަށް އަލްވަދާއު އެކީ ވިލިމާލެއަށް އަގުހުރި ހިދުމަތްތެރި ދަރިއެއް، ނަމޫނާ ރަހުމަތްތެރި އެއް، އޯގާތެރި ދަރިއެއް، ހެޔޮލަފާ އަތްބެއް، ހިދުމަތްތެރި ދެ ދަރިންގެ މަންމައެއް ،މާލެ ސިޓީ އ. ކޮމެޓީއަށް ނުހަނު ބޭނުންތެރި ހިދުމަތްތެރި ކަންބަލެއް،” އީމާ ނިޔާވުމާއެކު ސާމިޔާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
ފަސް އަހަރު ނުފުރޭ ދެ ކުދިންގެ މަންމަ، އީމާ ނިޔާވި އިރު، ހިޔާއިން ލިބުނު ފްލެޓަށް ކުދިންނާއި ފިރިމީހާއާ އެކު ވަކިން ދިރިއުޅުމެއް ފެށިތާ އަދި ވީ އެންމެ މަހެކެވެ. އެކްސިޑެންޓުވީވެސް، ވަޒީފާ ނިންމާފައި ދަރިން ކައިރިއަށް ދިޔަ މަގުމަތީގަ އެވެ.