Fri, 30 September, 2022, 5:15 pm

ސިފައިންގެއަށް ވަނުމަކީ ކުޑައިރުއްސުރެ ދުށް ހުވަފެން، އެއީ ކިޔަމަންތެރި ދަރިވަރެއް، ވަރުގަދަ ލީޑަރެއް

ޕްރައިވެޓް މުހައްމަދު ރާފިލްގެ އަބަދުވެސް އުއްމީދަކީ ސިފައިންގެއަށް ވަނުމެވެ. ގައުމީ ހިދުމަތާ ގުޅުމެވެ. ސިފައިންގެ ފަހުރުވެރި ފެހި ޔުނީފޯމުގައި ގައުމަށްޓަކައި މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށްގެން ހުރުމެވެ. އެއީ އޭނާ އެންމެ ކުޑައިރުއްސުރެވެސް ދެކެމުންދިޔަ ހުވަފެނެވެ. ނަމަވެސް އުމުރުން އެންމެ 19 އަހަރުގައި ރާފިލް ވަކިވެގެން އެ ހުވަފެނުގައި ރަނގަޅަށް ކުލަ ނުޖެހެނީސް އެވެ.

ސިފައިންގެ ތަމްރީނަށް ޅ. މާފިލާފުއްޓަށް މީގެ ދެ ދުވަސް ކުރިން ގޮސް ހުއްޓައި، ރާފިލްއަށް ކުއްލިއަކަށް ނޭވާލުމަށް އުނދަގޫވާން ފެށި އެވެ. ފުރަތަމަ ފަރުވާ ދިނީ ތަމްރީނު ސެންޓަރުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އެވެ. އެތައް ބައެއްގެ ލޯބި ހޯދާފައިވާ ރާފިލް އެންމެން ދޫކޮށް ދިޔައީ ކުއްލިއަކަށެވެ. ޅަ އުމުރުގައި އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލައިފަ އެވެ.

އޭގެ ތެރެއިން އެކަކީ ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ އެވެ. ދަރިވަރެއް ނަމަވެސް، ރާފިލްއަކީ ނާހިދާގެ އާއިލާ މެމްބަރެއްގެ ގޮތުގައި ދެކުނު ކުއްޖެކެވެ.

ނާހިދާ ވިދާޅުވި ގޮތުގައި، ސްކޫލް ދައުރުގައި ރާފިލް އޭނާގެ ހުރިހާ ޓީޗަރުންނާއެކުުވެސް އުޅޭނީ ވަރަށް ގުޅިގެންނެވެ. އެހެންކަމުން އޭނާއާ މެދު އެންމެންވެސް ދެކެނީ އާއިލާގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާއަށް މިހާތަނަށް ދިމާވި އެންމެ ކިޔަމަންތެރި ދަރިވަރެވެ.

“ރާފިލްއަކީ ވަރަށް ކިޔަމަންތެރި ދަރިވަރެއް، ދުވަހަކުވެސް އެއްވެސް މައްސަލައެއް ނުޖެހޭ. ހުރިހާ ކަމެއްގައިވެސް އިސްނަގައި އެންމެ އިސްކޮށް އުޅޭނީ. ހުރިހާ ދަރިވަރުންވެސް ގޮވައިގެން އުޅެން އެނގޭނެ ރާފިލްއަށް” ނާހިދާ ވިދާޅުވި އެވެ.

ގދ. ގައްދޫއަށް އުފަން ރާފިލް ގުރޭޑް 10 އަކާ ހަމައަށް ތައުލީމު ހާސިލުކުރީ ރަށު ސްކޫލުންނެވެ. 2018 ވަނަ އަހަރު އޯ ލެވެލް އިމްތިހާނަށްފަހު އެ ސްކޫލުން ނުކުތީ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިގެންނެވެ. އިމްތިހާނުގައި ގަދަ 10ގައިވެސް އޭނާ ހިމެނުނެވެ.

ވިހިވިހި ވަނަ އަހަރު އޭ ލެވެލް ކިޔެވުމަށް ރާފިލް ބަދަލުވީ މާލެއަށެވެ. ސީއެޗްއެސްސީއަށް ވަދެ، ކިޔަން ފެށި ނަމަވެސް ކޮވިޑުގެ ސަބަބުން ކިޔެވުން ދިގު ދެމިގެންގޮސް، ކިޔެވުން ނިންމާލީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. ކިޔެވުން ނިންމި ގޮތަށް އޭނާ ގުޅުނީ ސިފައިންގެއަށެވެ.

އޭގެ ކުރިން ކެޑޭޓެއްގެ ގޮތުގައި އޭނާ އުޅުނު އިރު، ރާފިލް ސްކޫލުގައި އުޅުނީ ސްކައުޓް ހަރަކާތުގަ އެވެ. ސެކަންޑް ގާފް ދާލް ސްކައުޓް ގުރޫޕުން ރާފިލް ސިފަކުރީ، އެ ގުރޫޕާއެކު މަސައްކަތްކުރި އެންމެ ރަނގަޅު އެއް ލީޑަރުގެ ގޮތުގައެވެ. ވިސްނުން ތޫނު މޮޅު ލީޑަރެއްގެ ގޮތުގަ އެވެ.

ރާފިލްގެ ގާތް ރަހުމަތްތެރިއަކުވެސް އޭނާއަށް ނުކުރާ ތައުރީފެއް ނެތެވެ. ސްކައުޓިންގައި ލީޑަރެއްގެ ގޮތުގައި އުޅޭ އެ ރަހުމަތްތެރިޔާ ބުނި ގޮތުގައި ރާފިލްއަކީ ހުރިހާ ކަމެއްގައިވެސް “އޯވާ އެޗީވާ”އެކެވެ. ވަރަށް ޑިސިޕްލިން ރަނގަޅު މީހެކެވެ. ހުރިހާ ރަހުމަތްތެރިންނަށްވެސް ނަމޫނާ އެކެވެ.

އިއްޔެ ރާފިލް ނިޔާވުމަށްފަހު ހެދި ޓެސްޓުން ދައްކާ ގޮތުން އޭނާ ކޮވިޑަށް ޕޮޒިޓިވް އެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށް އޭނާގެ ޓްރެއިނަރުންނާ ހަވާލާދީ ނައިފަރު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ މި ނޫހަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.