Thu, 26 May, 2022, 12:49 pm
އެމްޑަބްލިޔުއެސްސީގެ މައި އިމާރާތް --

ވޯޓާ ސެކިއުރިޓީ ކަށަވަރުކޮށް، ސާފު ބޯފެން ފޯރުކޮށްދިނުން: އެމްޑަބްލިއުއެސްސީގެ އަމާޒު

Share on twitter
Share on facebook
Share on twitter
Share on facebook

ކޮންމެ އަހަރެއްގައިވެސް 22 މާރިޗްއަކީ ދުނިޔޭގައި ފާހަގަކުރަމުން އަންނަ ފެނުގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމަށް އދ. އިން ނިންމާފައިވަނީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމަށެވެ. ފެނާއި ފެނާ ގުޅުންހުރި މައްސަލަތަކުގެ އަޑު އުފުލުމަށް މިދުވަސް ފާހަގަކުރާ އިރު، ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހޫރޫމުވެފައިވާ މީހެކެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރެއް ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ (Groundwater: making the invisible visible) މިއެވެ.

ކޮންމެ އަހަރަކުވެސް ފެނުގެ ދުވަސް ފާހަގަކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ފެނުގެ ދުވަސް ފާހަގަކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ.

ސާފު ރައްކާތެރި ފެނާ މެދުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ކެމްޕޭނުތަކެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. ފެނުގެ މުހިންމުކަމާއި ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ފެން އިސްރާފު ނުކުރުމަށާއި އަދި މިކުންފުނިން ފޯރުކޮށްދޭ ސަޕްލައި ފެނުގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގުރާމުތަކެއް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފައެވެ.

އެމްޑަބްލިޔުއެސްސީން އުފައްދާ ފޯރުކޮށްދެމުންދާ ފެނަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަސީލަތްތައް ބޭނުންކޮށްގެން، ލޮނު ފެން، ސާފު ފެނަށް ބަދަލުކޮށްގެން، އުފައްދާ ރައްކާތެރި ފެނެކެވެ. މި ފެނަކީ ބުއިމަށް ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ގޮތުންކަނޑައަޅާފައިވާ މިންގަނޑަށްވުރެވެސް ރަނގަޅު ފެންވަރެއްގެ ފެނެކެވެ. ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެން އުފެއްދުމުގެ އެކި މަރުހަލާތަކުގައި ތަފާތު އެކިއެކި ޓެސްޓުތައްކުރެވެއެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 1 ފަހަރު، ފެނުގެ ނެޓުވޯކުގެ ސަރަހައްދުތަކުން ސާމްޕަލްނަގައި ޓެސްޓުތައް ކޮށް އަދި މިފެން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރެ އެވެ.

އދ. ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ހަވަނަ ލަނޑުދަނޑިއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލްކުރަނީ ތިމާވެށި ރައްކާތެރިކޮށް ޖައްވު ނުސާފުވާ މިންވަރުވެސް ކުޑަކޮށްގެންނެވެ. މިލަނޑުދަނޑި ހާސިލުކުރުމަށް އެމްޑަބްލިޔުއެސްސީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރުމުންނެވެ.

އެގޮތުން ވޯޓާ ސެކިއުރިޓީ ކަށަވަރުކުރުމުގެ ގޮތުން މި ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމުކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ. އަދި ސިނަމާލެ ބްރިޖު މެދުވެރިކޮށް ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި މާލެއާއި ހުޅުމާލޭގައި އިތުރު ފެން ތާންގީތައް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

އަދި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތެއްގައި ފެން އުފެއްދުމަކީ އެމްޑަބްލިޔުއެސްސީގެ އަމާޒެވެ. އެގޮތުން މިކުންފުނީގެ 3 އޮޕެރޭޝަން ސެންޓަރެއްގައި ދަނީ ފެން އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ.  ކުންފުނީގެ މިސްރާބު ހުރީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުކުރުމަށެވެ.

1995 ވަނަ އަހަރު ވުޖޫދަށް އައި އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަކަމާ އެކު ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމެވެ. ދިވެހި ރާއްޖެއަކީ ފެނުގެ ވަސީލަތްތައް މަދު ގައުމަކަށްވާ އިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ހިދުމަތް ތަރައްގީކުރުމުގައި މެދުކެނޑުމެއްނެތި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެންނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމުގެ މުހިންމުކަން އިތުރުވެފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިޔުއެސްސީން އަންނަނީ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ކުންފުނިން ފެނުގެ ދާއިރާގައި ހޯދާފައިވާ ތަރައްގީއަށް ނަޒަރު ހިންގާލައި އިރު، އެމްޑަބްލިޔުއެސްސީގެ 26 އަހަރު ދުވަހުގެ އިންޖިނިއަރިން ތަޖުރިބާގެ އެހީގައި، މިއަދު މި ކުންފުންޏަކީ ރާއްޖޭގައި ފެނުގެ މަޝްރޫއުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެގޮތުން ރަށްރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫއުތަކުގައި އެމްޑަބްލިޔުއެސްސީގެ ބޮޑު ހިއްސާއެއް އޮންނަކަން ފާހަގަކޮށްލެވެއެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.