Fri, 30 September, 2022, 5:58 pm

ހެދުމުގެ ކިތްޕަތި ތެމި ދާހިއްލުމުން ކުރިމަތިވާ ލަދުވެތިކަމުން ސަލާމަތްވާން ބޭނުންތަ..؟

އާދަޔާ ޚިލާފަށް ދާހިއްލާ ނަމަ އެކަން ރަގަނޅުކުރުމަށް ކުރެވިދާނެ ބައެއްކަންކަން ހުންނަކަން ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. ނަމަވެސް މިފަދަ ފަރުވާއެއް ނުވަތަ އެފަދަ ކަމެއް ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ. މިހެން މިދެންނެވީ މިފަދަ ކަންކަމަކީ ބައެއް ފަހަރު ތިބާއާއި ގުޅޭ، ތިބާއަށް ރައްކާތެރި ކަންތައްތަކެއްތޯ ޔަޤީންކުރުމުގެ ގޮތުންނެވެ.

އާދަޔާ ޚިލާފަށް ދާހިއްލާ ބައެއް ކަންކަމުގެ ތެރޭގައި މާބޮޑަށް ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވާ ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލަފާނެ އެވެ. މީގެ އިތުރުން ބޮޑު ބަލިމަޑުކަމެއް ހުރިކަމަށްވާ ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލަފާނެ އެވެ. މިސާލަކަށް ލޭގެ ތެރޭގައި ހުންނަންޖެހޭ ހަކުރުގެ މިންވަރު ހުންނަލެތް މަދުވުން، ހަކުރު ބަލި ހުރުން، ލިވާ ނުވަތަ ފުރަމޭގައި ބައްޔެއް ހުރުންފަދަ ކަމެއްވެސް ކުރިމަތިވެފައިވާ ނަމަވެސް އާދަޔާއި ޚިލާފަށް ދާހިތްލުމަކީ އެކަށީގެންވާ ކަމެކެވެ.

ދާހިއްލުމަކީ ޠަބީޢީ ގޮތުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ލައްވަވާފައިވާ ނިޒާމެކެވެ. އާދައިގެ ގޮތެއްގެ މަތިން ދާހިއްލާ ނަމަ ބައެއް ފަހަރަށް އެއީ ވިރާސީ ކަމަކަށްވެސް ވެދާނެ އެވެ. ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލުން ނުވަތަ މާބޮޑަށް ދާހިއްލުމަކީ ވިރާސީކަމެއް ނޫނެވެ. އަދި އެކަން އެގޮތަށް ދެކިގެންވެސް ނުވާނެއެވެ.

އާދަޔާ ޚިލާފަށް ދާހިއްލާ ގައިން ނުބައިވަސް ދުވުމުން އަނެކުން ތިބާއާއި ދުރުހެލިވެއެވެ. މީހާ އެކަނިވެރި ކޮށްލައެވެ. އަނެކުންގެ ލޯބި ލިބުމުން މަޙްރޫމް ވެދެއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނަ ފަދައިން އާދަޔާ ޚިލާފަށް ދާހިއްލުމަށް ވެސް ހައްލެއް އޮވެއެވެ.

އާދަޔާ ޚިލާފަށް ދާހިއްލުން ނުވަތަ އާދައިގެ ވަރަކަށް ހައިޕަރހިޑްރޮސިސް ހުރުން މިކަން އާންމުކޮށް ދިމާވަނީ  ބޮޑެތި މީހުންނަށާއި ފުރާ އުމުރުގެ ކުދިންނަށެވެ. މީގެ ބައެއް ސަބަބުތަކަކީ މާބޮޑަށް ކަންބޮޑުވުން، މާބޮޑަށް ހޫނުގަދަވުން އަދި ބައެއް ފަހަރަށް މާބޮޑު ސަބަބެއް މެދުވެރި ނުވެވެސް މިކަން ކުރިމަތި ކުރުވަ އެވެ. މިގޮތަށް ދާހިއްލުމުގެ މިސާލަކީ ކިހިލިފަތް ދޮށުން ދާހިއްލާ ލައިގެން ގަމީސް ފޯވެ އެކަން ފާހަގަ ކުރެވޭ ވަރު ވުމެވެ.

މިހާރަކަށް އައިސް ލިބެން ހުންނަ ތަފާތު ވައްތަރު ވައްތަރުގެ ސައިބޯނި ބޭނުން ކުރުމަކީ އާދަޔާ ޚިލާފަށް ދާހިއްލުން އިތުރު ކުރުވާ ކަމެކެވެ. މިހެން ދިމާވާ ސަބަބަކީ މިދެންނެވި ފަދަ ސައިބޯނިތަކުގައި ޒާތްޒާތުގެ ގިނަގުނަ ކެމިކަލްތައް ހިމަނާފައި ހުރުމެވެ. ނަތީޖާއެއްގެ ގޮތުން ހަމުގައި ހުންނަ ދާއުފައްދާ ގްލޭންޑްސްތަކާއި ލޯވަޅުތަކުން ދާ ނުކުންނަ މިންވަރު އިތުރު ކޮށްދެއެވެ. މިތާނގައި މި ފާހަގަކުރާ ޚާލިޞް ސައިބޯނި ނުވަތަ ޕިޔޯ ސޯޕަކީ ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސައިބޯންޏެވެ. މިސާލަކަށް ހަކީމީ ސައިބޯނި ނުވަތަ ތަންކޮޅެއް ބާރުދެރަ ސައިބޯންޏަކުން ފެންވެރުމުން ދާހިއްލުން ކުޑަކޮށްދޭނެއެވެ.

އާދަޔާ ޚިލާފަށް ގައިން ދާހިއްލާ މީހުން  ފެންވަރާއިރު ހަށިގަނޑު އުނގުޅުމަށް ތޮރާ ނަރުގަނޑު ބޭނުން ކުރުމުންވެސް ދާހިއްލުން ކޮންޓްރޯލް ކުރެވިދާނެއެވެ. މިސާލަކަށް ކިއްޕަތި އުނގުޅުމަށް ނުވަތަ ގައިގެ އެހެނިހެން ހިސާބެއް އުނގުޅުމަށްވެސް ތޮރާ ނަރުގަނޑު ބޭނުން ކުރެވިދާނެ އެވެ. ހަނދާން ކުރާށެވެ. ފުރަތަމަ ފަހަރަށް ގައި އުނގުޅާ ސާފުކުރުމަށް ބޭނުންކުރާނީ ޚާލިޞް ސައިބޯންޏެކެވެ. އެއަށްފަހު ތޮރާ ނަރުގަނޑުން ގައި އުނގުޅާށެވެ. ތޮރާ ނަރުގަނޑުން ގައި އުނގުޅުމުން ގައިގެ ހަންގަނޑުގެ މަތީ ފަށަލައިގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެއްޓިގެން ދާނެއެވެ. އެފަދަ ސެލްތައް ނެއްޓުމުން އޭގެ ބަދަލުގައި އައު ސެލްތަކެއް އުފެދި ހަންގަނޑު ތާޒާވެ އެވެ.

މިދެންނެވި ފަށަލަތައް މަޑުމަޑުން ނެއްޓެމުން ދިއުމުން ކިހިލިފަތްދޮށް ނުވަތަ އެހެންވެސް ހިސާބެއްގައި ބަންދުވެފައި ހުންނަ ދާ އުފައްދާ ބޭރުކުރާ ގްލޭންޑް ރަނގަޅަށް ހުޅުވި ރަނގަޅަށް މަސައްކަތް ކުރަން ފަށައެވެ. ތޮރާ ނަރުގަނޑު ބޭނުން ކުރަން ޖެހެނީ ގައިގެ އުނގުޅާ ތަނެއްގައި ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތު ވަންދެނެވެ. މިގޮތަށް ތޮރާ ނަރުގަނޑު ބޭނުންކުރާނީ ދުވާލަކު އެއްފަހަރުއެވެ. ތޮރާ ނަރުގަނޑުން ގައި އުނގުޅާއިރު އެއްވެސް ވައްތަރެއްގެ ސައިބޯންޏެއް ބޭނުން ނުކުރާށެވެ. އާދަޔާ ޚިލާފަށް  ދާހިއްލުން ކޮންޓްރޯލް ކޮށް ދާހިއްލުމުން ކުރިމަތިވާ ލަދުވެތިކަމުން ސަލާމަތްވެދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.