ރޯދަ ވީއްލާ ގަޑީގައި ބަނޑުހައިވެފައި ހުންނަ އިރު މާ ގިނައިން ކެވުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެގެ. މަދުން ކާން ހިތު ލައިގެން ހުއްޓަސް، ފުރުރާމަތީގައި ހުންނަ ގިނަ ބާވަތްތައް ފެނިފައި ނުކައި ހުންނަން އުނދަގޫވެއް ވެއެވެ. ގިނައިން ކެވިއްޖެ ނަމަ ދެން ކުރަންވީ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލައިލާނަމެވެ.
ގިނައިން ކެވުމުން ނިދި އައުމަކީ ގިނަ މީހުންނަށް ވާ ކަމެކެވެ. ނަމަވެސް ގިނައިން ކައިގެން ނިދުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ކުޑަކޮށް ހިނގާލުމުން ބަނޑަށް ފަސޭހަވެގެންދާނެއެވެ. އަދި ލޭގެ ހަކުރު ލެވެލްތައް ރެގިއުލޭޓްކޮށްދީ، ހަޖަމްކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ.
ދެން ކުރަންވީ ކަމަކީ ހަމަޖެހިލުމެވެ. ގިނައިން ކެވުމުން، އެކަމާމެދު ކަންބޮޑުވެ، ވަރަށް ފަލަވާނެ ކަމަށް ހިތައް އަރާ މީހުން ވަރަށް ގިނައެވެ. އަދި އެކަމުގެ ސަބަބުން މީހާ ހާއްސަކަމެއްގެ ތެރެއަށްވެސް ދެއެވެ. އަދި މީހާ ހާއްސްވުމުން ހަޖަމް ކުރުމަށްވެސް އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެހެންކަމުން ރަނގަޅު ގޮތަކީ ހަމަޖެހިގެން ފެންތައްޓެއް ބޯލުމެވެ. ނަމަވެސް ފެން ބޯއިރުވެސް، އެއްފަހަރުން ތަށި ހުސްކޮށްލުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ މަޑުުމަޑުން ފެންތަށި ހުސްކުރުމުގެވެ. އަދި މާ ގިނައިން ކެއުމަށް ފަހު ކާބޮނޭޓްކޮށްފައި ހުންނަ ބުއިންތައް ބުއިން ރަނގަޅެއް ނޫނެވެ. މިފަދަ ފިޒީ ބުއިންތަކުގެ ސަބަބުން ވައި އަރާގޮތް ވެއެވެ.
ތަޖުރިބާކާރުން ބުނާގޮތުން، ޔޯގަޓް ފަދަ ޕްރޮބަޔޯޓިކްއެއް ކެއުމުން ހަޖަމްކުރުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން މޭ އެންދުމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ.