Fri, 30 September, 2022, 7:32 am

ތަރުކާރީއާއި މޭވާ ކާންވީ އޭގެ ތޮއްޓާއެކު، އުދަނގޫ ނަމަ މިކްސަރުން ގިރައިގެން ވެސް ބޯންވީ

ތަރުކާރީ އާއި މޭވާއަކީ އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް މުހިންމު އެތައް މާއްދާއެއްގެ މުއްސަނދިކަމާ މެދު ހިމެނޭ ތަކެތިކަން އެއްވެސް މީހަކު ދެބަހެއް ނުވާކަން ޔަޤީނެވެ.

މިތަކެތި ކެއުމުގައި އަޅުގަނޑުމެންގެ އާދައަކީ އޭގެ ތޮއްޓާއި އޮށާއި ތަނޑި އަދި ފަތްތައް އުކައިލުމެވެ. ނަމަވެސް ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި އުކައިލާ މިބައިތަކަކީ އޭގައި ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާއެއް އެކުލެވޭ ބައިތަކެކެވެ.

ގިނަ މީހުންނަކީ މޭވާއެއް ނުވަތަ ތަރުކާރީއެއްގެ އެތެރެއަށްވުރެ ގިނައިން އޭގެ ތޮށީގައި ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް މުހިންމު މާއްދާތައް އެކުލެވިގެންވާކަން އެނގިހުރެ ނުވަތަ ނޭނގި ނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއް، ޝައުޤުވެރިކަމެއް ނުދެވޭ މީހުންނެވެ. އެއީ ފަރުވާކުޑަކަމުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ކުރެވޭ ވަރަށް ނޭދެވޭ ޢަމަލެކެވެ.

ކަން މިހެން އޮތް ނަމަވެސް ކިވީ ފަދަ ބައެއް މޭވާގެ ތޮށި ކެއުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ކަމަށްވާނަމަ އެ ތޮށި މިކްސަރަކުން ގިރައިގެން އޭގެ ފަނި ބުއިމަކީވެސް އެންމެ ރަނގަޅު ގޮތެކެވެ.

ނިއުޒިލެންޑުގައި ކިވީއަކީ ތޮއްޓާ އެކު ކާ މޭވާއެކެވެ. އަދި އިނގިރޭސިވިލާތާއި އިންޑިއާގައި ދޮންކޭލަކީވެސް ތޮށްޓާއެކު ކާއެއްޗެކެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މޭވާ އާއި ތަރުކާރީއަކީ އޭގެ ހުރިހާ ބައެއް އެކުވެގެން އޭގެ ފުރިހަމަ ފައިދާ ކުރުވާ އެއްޗެއްކެވެ. އެހެންކަމުން މޭވާ އާއި ތަރުކާރީ ކާއިރު، އޭގެ ތޮއްޓާއި ތަނޑި ވަކިކުރުމުން އެއިން ލިބެންވާ ހަގީގީ ފައިދާއެއް ނުލިބޭނެއެވެ.

ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބައެއް މޭވާ އާއި ތަރުކާރީއަކީ މިފަދައިން ކެއުމުން އެއިން ގިނަ ފައިދާތަކެއްވާ ތަކެއްޗެވެ. އެގޮތުން ފަލަމަޑީގެ ބާވަތެއްކަމުގައިވާ މެންގޯލްޑް (މެންގަލް ބީޓް) ކާއިރު، މި ފަތްބޮނޑީގެ ތަނޑިތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާއެއް ކަމަށްވާ އެމިނޯ އެސިޑްސް ގިނަ ޢަދަދަކަށް ހިމެނޭ އެއްޗެކެވެ.

އެހެންކަމުން، މި ބާވަތުގެ ފަތް ކެއުން އެންމެ ރަނގަޅީ ތަނޑިއާ އެކުއެވެ. ތަނޑިކާން ބޭނުންނުވާ ނަމަ، އެ ތަނޑިން ފަނި ގިރައިގެންވެސް ބޮވިދާނެއެވެ. މޭންގޯލްޑެކޭ އެއްގޮތަށް ބްރޮކަލީވެސް ބޭނުންކުރުމުގައި އޭގެ ފަތާއި ތަނޑި ބޭނުންކުރުމުން ހަށިގަނޑަށް އިތުރު ވިޓަމިން ލިއްބައިދޭނެއެވެ.

ސެލެރީ އަކީ އޭގައި ސިއްޙީ އެތައް ފައިދާއެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އަޅުގަނޑުމެންނަށް އާންމުކޮށް ކެއުމުގައި ބޭނުންކޮށް އުޅެވެނީ ސެލެރީގެ ތަނޑި ނަމަވެސް، އޭގެ ކޮޅުގައިވާ ފަތަކީވެސް ސޫޕްތަކުގައި ބޭނުންކުރަން މީރު، އޭގައި ގިނަ ޢަދަދަކަށް މެގްނީޒިއަމް އާއި ކެލްސިއަމް އެކުލެވިގެންވާ އެއްޗެކެވެ.

ލޮނުމެދަކީވެސް މިފަދަ އެއްޗެކެވެ. ލޮނުމެދުގެ ތޮށީގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓްއެއް ހިމެނޭ އިރު، ލޮނުމެދު ކާން އެންމެ ރަނގަޅު ގޮތެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ތޮށްޓާއެކުގައެވެ. އަދި ލޮނުމެދު އަޅައިގެން ކެއްކުމަށްފަހު، ކެއުމުގެ ކުރިން ތޮށިގަނޑު ވަކިކޮށްލުން މުހިންމު ކަމަށާއި މިގޮތަށް ހެދުމުން ތޮށިގަނޑުގައިވާ މާއްދާތައް ކާނާގެ ތެރެއަށް ފެތުރިގެންދާނެ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.