Thu, 26 May, 2022, 12:29 pm

ފެންކަޅިކޮށްލި އަސަރުގަދަ ވާހަކައެއް، ޑުރަގަށް ގެއްލުނު ދިރިއުޅުމާއި ދަރިފުޅު ހޯދައިދިނީ އެމްޓީސީސީ

Share on twitter
Share on facebook
Share on twitter
Share on facebook

ހއ. އިހަވަންދޫއަށް އުފަން އެ ޒުވާނާއަކީ ޑުރަގް ބޭނުންކުރުމުގެ ކަޅު މާޒީއެއް އޮތް މީހެކެވެ. މަސްތުގެ ދުނިޔޭގައި އޭނާ އުޅުމުން, އެކަމުގެ ހިތާމައާއި ލަދުވެތިކަމުގައި ހިތްފަޅައިގެން ގޮސް, ބައްޕަވެސް ދުނިޔެ ދޫކުރީ އެވެ. ކައިވެންޏެއްކޮށް ދަރިއަކު ހުރި ނަމަވެސް އެ ދަރިފުޅު އުރާލަން ނުލިބި, އަނބިމީހާ ބަލިވެ އިންދާ ދާންޖެހުނީ ޖަލު ގޮޅިއަށެވެ.

ނަމަވެސް އެއީ މިއަދު އޭނާގެ މާޒީ އެވެ. ހަތަރު އަހަރު ފަހުން ޑުރަގާއި ސިނގިރޭޓު ބުއިމުން ސަލާމަތްވުމުގެ އުފާ އޭނާ ކުރި ނަމަވެސް, ކުށުގެ ރެކޯޑެއް އޮތުމުން އޭނާއަކަށް ވަޒީފާއެއް ނުލިބުނެވެ. މުޖުތަމައުން އޭނާ ހުރީ ބާކީ ކޮށްލައިފަ އެވެ. ކައި ބޮއެ އުޅެނީ ސައިކަލު ފޮހެދީގެން ލިބޭ މަދު ފައިސާކޮޅުންނެވެ. ނިދަނީ ތަނެއްގެ ތަޅުންގަނޑުމަތީގަ އެވެ.

ކިތަންމެ ވިޔާނުދާ ދިރިއުޅުމެއް އުޅެވުނު ނަމަވެސް, ދަރިފުޅު ދެކެ އޭނާ އިންތިހާއަށް ލޯބިވެ އެވެ. ދަރިފުޅު ދެކިލަން ބޭނުންވެ, އެ ގޭ ކައިރިއަށްވެސް ދެވެއެވެ. ނަމަވެސް ކުއްޖާގެ މަންމަ އެކަމަށް ނުރުހެ އެވެ. ފޮޓޯގަނޑެއްހާތަންވެސް ދައްކާލަން ބޭނުމެއް ނުވި އެވެ. އޭނާ ރަނގަޅުވި ކަމަށް ގަބޫލުކުރާކަށްވެސް ބޭނުމެއް ނުވެ އެވެ. ނޫނީ ގަބޫލުކުރަން އުދަނގުލީ އެވެ. މި ހިތްދަތިކަމާއި އޭނާގެ ސަބަބުން ބައްޕަ ދުނިޔެ ދޫކުރުންވީ، ނަފްސާނީ ގޮތުން ބަލިކަށި ކޮށްލި ކަމަކަށެވެ.

މިއީ ރަމަޞާން މަހުގެ ހެޔޮ އެދުންތައް އަރިސްކޮށް, އެމްޓީސީސީން މިއަދު އާންމުކުރި ވީޑިއޯގައި ގެނެސްދޭ ވާހަކަ އެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ދިގު އެ ވީޑިއޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ޑައިރެކްޓަރަކީ ވީޑިއޯގެ ސްޓޯރީ އެންޑް ސްކްރީންޕްލޭވެސް ހެދި ނިއުޝާދު ޝަރީފެވެ.

 

 

ހަގީގީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ވީޑިއޯގައި ފެންނަ ޒުވާނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލީ އެމްޓީސީސީ އެވެ. ޖަލުން ލިބުނު މަދު ވެލްޑިން ކުރުމާއި ވަޑާން ކުރުންފަދަ މަދު ތަމްރީނުތަކުގެ ބޭނުން އޭނާއަށް ހިފަން ފުރުސަތު ދިނީ ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައ އިންޖިނިއަރިން ސޮލިއުޝަންދޭ ކުންފުންޏެވެ. ކުށުގެ ރެކޯޑް އޮތް ނަމަވެސް, އޭނާ ބާކީކޮށެއް ނުލި އެވެ. އެދުނީ ހިތްވަރު ދެއްކުމަށެވެ.

އެ ހިތްވަރު ހޯދައި، އެމްޓީސީސީގެ ކަނޑު ނޫ ކުލައިގެ ޔުނީފޯމުގައި އެ ޒުވާނާ ފުރަތަމަ މަސައްކަތްކުރީ ރާއްޖޭގެ އެންމެ ބޮޑު ބޯޓްޔާޑުގަ އެވެ. އަމިއްލަ ދިރިއުޅުމުގައި ހުރި މައްސަލަތަކާއި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަންވެސް އެ ކުންފުނިން ދިން ހިތްވަރުން ފަރުވާވެސް ފެށި އެވެ.

މަސައްކަތުގެ މާހައުލުގައި އެ ޒުވާނާ ކުރިއަރަމުން އައީ ހަލުވިމިނެއްގަ އެވެ. އެމްޓީސީސީގެ ފެރީ ނިޒާމުގެ ދަށުން ރަށްރަށުގައި ހަދަމުންދާ ފެރީ ގިމަތަކުގެ މަސައްކަތުގައިވެސް އެ ޒުވާނާ އިސްކޮށް އުޅެން ފެށި އެވެ. އެ ނެޓްވޯކުގައި ބޭނުންކުރާ ހަލުވި ސްޕީޑް ލޯންޗުތަކުގެ އިންޖީނުތަކުގެ މަރާމާތުކޮށް, ބަލަހައްޓަމުން އައީވެސް އޭނާ އެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގައި އެކި ރަށްރަށުގައި އުޅޭ އިރު, ކުޑަކުދިން ފެނުމުން ދަރިފުޅު ހަނދާންވެ އެވެ. ބައްޕައެއްގެ ގޮތުގައި އޭނާ ފެއިލްވެއްޖެ ކަމުގެ އިހުސާސްވެސް ކުރެވުނެވެ. ނަމަވެސް އެކަން ބަދަލުކޮށްލީ މަސައްކަތުގެ މާހައުލެވެ. އެކުވެރިކަމާއި މަޖާ ގުޅުމެވެ. އެއީ ހަމައެކަނި ވަޒީފާއެއް ނޫން ކަމާއި ރައްޔިތުންނަށް ކަމެއް ކޮށްދެވުނީމަ އޭނާއަކީވެސް މުހިންމު މީހެއްކަމުގެ އިހުސާސް ކުރެވެން ފެށި އެވެ.

މަސައްކަތުގައި އެ ޒުވާނާ ދެއްކި ހިތްވަރުގެ ނަތީޖާއަކަށްވީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މެރިން އިންޖިނިއަރިންގެ ދާއިރާއިން ސްކޮލަޝިޕްވެސް އޭނާއަށް ލިބުމެވެ. އެއަށްވުރެ ބޮޑު އުފަލަކީ އެ ހަފުލާ ތެރެއިން ދަރިފުޅާ ބައްދަލުވުމެވެ. ދަރިފުޅަށް ވަގުތުން އެއީ އޭނާގެ ބައްޕަކަން އެނގި, ބައްދާލެވުނެވެ. ދެބަފައިންނަށް ކަރުނަ ނުހިފެހެއްޓި ރޮވުނެވެ. ދަރިފުޅު ގޮވައިގެން ހަފުލާއަށް އައި ކުއްޖާގެ މަންމަގެ ލޮލުންވެސް އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

ޑުރަގަށް ގޮސް މުޅި ދިރިއުޅުން ވިއްސިވިހާލިވެފައި ހުރި އެ ޒުވާނާއަށް މިއަދު ދަރިފުޅުވެސް އަނބުރާ ލިބުނީ އެވެ. ގެއްލުނު ދިރިއުޅުންވެސް ލިބި، މުޖުތަމައު ބަލައިގަންނަން ފަށައިފި އެވެ. މިއަދު އޭނާއަކީ ރައްޔިތުންގެ އިންޖިނިއަރެވެ. ރާއްޖޭގެ އެންމެ ބޮޑު ކޮންނަބޯޓު, މަހާޖައްރާފުގެ އިންޖިނިއަރެވެ. ކާމިޔާބު ބައިވެރިއަކަށްވީ ރައްޔިތުންގެ އެކުވެރިޔާ, އެމްޓީސީސީން ދިއްކޮށްލި އަތުގައި ހިފުމުންނެވެ.

އެ އަތް ރާއްޖޭގެ ކޮންމެ ޒުވާނަކަށްވެސް ވަނީ ދިއްކުރެވިފަ އެވެ. އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއް ނެތި އެވެ. ބޭނުންވަނީ ކެރުންތެރިކަމެވެ. ހިތްވަރެވެ. ހުނަރު ނެތިއްޔާ، އެ ހުނަރު ހޯދައިދޭންވެސް އެމްޓީސީސީ އޮތީ ތައްޔާރަށެވެ.

ހިޔާލު ފާޅުކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސްޕޮންސާ ލިބޭ ދޯ؟ އާދަމް އާޒިމު އޯ ޕްރޮޑިއުސަރަކީ- ޚަރަދު ކުރީ ކޮންތާކުން ބާ؟

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.