Thu, 26 May, 2022, 12:52 pm

ޕްރިމިއާ ލީގުގައި ރޮނާލްޑޯ ޖެހި 100 ވަނަ ގޯލު ހާއްސަކުރީ މަރުވި ދަރިފުޅަށް

Share on twitter
Share on facebook
Share on twitter
Share on facebook

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި 100 ވަނަ ގޯލު، އޭނާއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން މަރުވި ފިރިހެން ކުއްޖާއަށް ހާއްސަކޮށްފި އެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ ހިތާމައިގައި އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން އެންމެފަހުން ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ.

ނަމަވެސް މިއަދު އާސެނަލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ވަނީ ކުޅެފަ އެވެ.

މެޗުގައި އާސެނަލްއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗު ތެރެއަށް ޔުނައިޓެޑް ގެނެސް، އެ ޓީމުގެ ހަމައެކަނި ގޯލުވެސް ޖެހީ ރޮނާލްޑޯ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި ނަމާންޏާ މަޓިޗް ނެގި ހުރަހަކުން ރޮނާލްޑޯ އެ ގޯލު ކާމިޔާބު ކުރީ އާސެނަލް ޑިފެންޑަރުންނަށް ވުރެ ކުރިއަށް ނުކުމެ، ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެ ގޯލަށްފަހު ރޮނާލްޑޯ ވަނީ ދެރަވެފައި ހުރެ އުނޑުމައްޗަށް އިނގިލި ދިއްކޮލައިފަ އެވެ.

މިއީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ގޯލެވެ. އެއާއެކު އޭނާ ވެފައިވަނީ ފުޓްބޯޅަ ތާރީހުގައި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުުޅުންތެރިޔާ އެވެ.

އެލެކްސް ފާގަސަންގެ ކޯޗު ކަމުގެ ދަށުން ރޮނާލްޑޯ ވަނީ 2003 ން 2009 އަށް ޔުނައިިޓެޑަށް ކުޅެފަ އެވެ. އެ މުއްދަތުގައި ޕްރިމިއާ ލީގުގައި އެ ކުލަބަށް ކުޅެދިން 196 މެޗުން 84 ގޯލު ޖަހައިދީފައިވާ އިރު، ޔުނައިޓެޑަށް އަލުން ބަދަލުވުމަށްފަހު މިހާތަނަށް ކުޅެދިން 27 މެޗުން 16 ގޯލު ވަނީ ޖަހައިފަ އެވެ.

ރޮނާލްޑޯއަކީ ޕްރިމިއާ ލީގުގައި 100 ވަނަ ގޯލު ޖެހި 33 ވަނަ ކުޅުންތެރިޔާ އެވެ. އަދި އޭނާއަކީ ޔުނައިޓެޑްގެ ތާރީހުގައި އެ އަދަދު ހަމަކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ އަދަދަށް ގޯލު ޖަހާފައި ވަނީ ރަޔާން ގިގްސް، ޕައުލް ސްކޯލްސް އަދި ވޭން ރޫނީ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.