ބޮލީވުޑްގެ ތަރިން ކުރާ ކަންތައްތަކަށް ސަޕޯޓަރުން އަބަދުވެސް ތިބެނީ ފާރަޔަށެވެ. އަދި ހާއްސަކޮށް ބޮލީވުޑްގެ ޖޯޑުތައް ކުރާ ކަންތައްތަކަށް ސަޕޯޓަރުން ފާރަލާ މިންވަރު ވަނީ މިފަހަކަށް އައިސް އިތުރުވެފަ އެވެ. ސަޕޯޓަރުންނާއި ޕަޕަރާޒީން މި ވަނީ ބޮލީވުޑްގެ ބައެއް ޖޯޑުތައް ދިރިއުޅޭ އެޕާޓްމަންޓް ނުވަތަ ގޭގެ ކުއްޔަށް ދައްކާ އަދަދުވެސް ހޯދައިފަ އެވެ.
ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރުމަށް ފަހު ދިރިއުޅެމުން ދަނީ މުމްބާއީގެ ޖުހޫގައި ހުންނަ އެޕާޓްމެންޓެއްގަ އެވެ. މޫދު ފެންނަ ހިސާބުގައި ހަދާފައިވާ އެ އެޕާޓްމެންޓްތަކަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި މަގުބޫލު އެޕާޓްމެންްޓުތަކެކެވެ.
ރިޕޯޓުތައް ބުނާގޮތުން، ވިކީ ވަނީ އެ އެޕާޓްމަންޓް ފަސް އަހަރު ދުވަހަށް ކުއްޔަށް ނަގައިފަ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1.75 ކުރޯޑް ރުޕީސް ދައްކާފައިވާ އިރު، ފުރަތަމަ 36 މަހަށް އެމީހުން ވަނީ މަހަކަށް އަށް ލައްކަ ރުޕީސް ދައްކައިފަ އެވެ. އަދި ބާކީ އޮތް ދުވަސްތަކަށް ކުލީގެ ގޮތުގައި 8.40 ލައްކަ ރުޕީސް ދައްކާނެ ކަމަށްވެ އެވެ.
އެއީ ގާތްގަނޑަކަށް 10،840 އެމެރިކާ ޑޮލަރު (167،542 ރުފިޔާ) އެވެ.
އެ އެޕާޓްމެންޓަށް ދިރިއުޅެން ދިއުމުގެ ކުރިން އެ ދެތަރިން ވަނީ އެ ގެ، އެމީހުން ބޭނުންވާ ގޮތަށް ރިނޮވޭޓް ކޮށްފަ އެވެ. އެ ދެމަފިރިންގެ އަވަށްޓެރިން ކަމަށްވާ އަނުޝްކާ ޝަރްމާއާއި ވިރާޓް ކޯލީ އެމީހުންނަށް ކައިވެނީގެ ތަހުނިޔާވެސް ފޮނުވީ، ދެން ކޮންސްޓްރަކްޝަންގެ އަޑު ނީވޭނެތީ ވަރަށް އުފާވާނެ ކަމަށް ބުނަމުންނެވެ.