ހިކެން ބޭނުންވާ މީހުން ރަނގަޅަށް ކަސްރަތު ކުރުމަށާއި ރަނގަޅު ޑައިޓެއް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. މިއީ ގިނަ މީހުން އަމަލުކުރާ ގޮތްވެސް މެއެވެ. ނަމަވެސް ހިކެން ހިތުލައިގެން ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ ނިއުޓްރިޝަނިސްޓުން އިއްތިފާގުވެ އެވެ.
ބައެއް ނިއުޓްރިޝަނުން ބުނާ ގޮތުގައި މާގިނައިން ކަސްރަތު ކުރުމަކީ މީހާ ބަނޑުހައިވާ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ގިނައިން ކަސްރަތުކުރާ މިންވަރަކަށް، އޭނާ ކާ މިންވަރުވެސް އިތުރުވެ އެވެ. އެހެންކަމުން ހިކެން ހިތުލައިގެން ބުރަ ކަސްރަތުތަކެއް ކުރުމަކުން އޭގެ އެންމެ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށް އެމީހުން އިއްތިފާގުވެ އެވެ.
ނިއުޓްރިޝަނިސްޓުން ބުނާ ގޮތުން މާގިނައިން ކަސްރަތު ކުރުމުން ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއްވެސް ކުރެ އެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ނުކަތާ މިންވަރަށް ސްޓްރެސް ބޮޑުވެ، ގިނައިން ކޮލެސްޓްރޯލް ޕަމްޕުކުރަން ފަށަ އެވެ.
ކަސްރަތު ކުރަންވީ މިންވަރު، އެމީހަކު ދުވާލެއްގެ މައްޗަށް ބޭނުންކުރާ ކެލޮރީގެ މިންވަރަށް ބަލައިގެން ރޭވިދާނެ އެވެ. އެމީހުން ލަފާދޭ ގޮތުގައި ދުވާލެއްގެ މައްޗަށް 1،400 ކެލޮރީއާއި 1،600 ކެލޮރީއާ ދެމެދުގެ އަދަދަކަށް ބޭނުންކުރާ ނަމަ، މާ ބުރަކޮށް ކަސްރަތު ކުރުން މުހިންމެއް ނޫނެވެ.
އޭގެ ބަދަލުގައި ކަސްރަތު ކުރާ މިންވަރު މަދުކޮށްލުމުން ގިނަ ބަޔަކަށް އޭގެ ރަނގަޅު ނަތީޖާތައް ފެންނަ ކަމަށް ނިއުޓްރިޝަނިސްޓުން ބުނެ އެވެ. އަދި ކަސްރަތު ކުރަން ވާނީ އެމީހާގެ ހަށިގަނޑަށް އެކަށީގެންވާ ވަރަކަށް ކަމަށާއި މާބޮޑަށް ބަނޑުހައިވާން މެދުވެރި ނުވާ މިންވަރަކަށް ކަމަށްވެސް ބުންޏެވެ. އަދި ކަސްރަތު ކުރުމަކީ ހިކެން ބޭނުންކުރާ އުކުޅެއްގެ ބަދަލުގައި ވިސްނަންވީ ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ކަމަށް ބުންޏެވެ.