ތިމާވެއްޓަށް ލިބޭ ގެއްލުންތައް އިންތިހާއަށް އިތުރުވެފައިވާ މި ޒަމާނުގައި، ތިމާވެށި ރައްތާކެތި ކުރުމަށް ކޮންމެ މީހަކުވެސް ހިއްސާ ވެގެން ނޫނީ އެދެވޭ އަސަރެއް ފެންނާކަށް ނެތެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެވި މީހަކަށް ވުމަށް ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވިދާނެ ބައެއް ކަންތައްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.
ރާއްޖެ ފަދަ ކުޑަ ގައުމެއްގައިވެސް، ކިތަންމެ ކައިރި ތަކަކަށް ދިޔަސް ސައިކަލުގައި ދިއުމަކީ ގިނަ މީހުންގެ އަދައެކެވެ. ކިތަންމެ ކައިރީގައި ހުރި ތަނަކަށް ނަމަވެސް ހިނގާފައި ދާން ވެއްޖެ ނަމަ ވަނީ ބޮޑު ކަމަކަށެވެ. ނަމަވެސް އެ އާދަ ދޫކޮށްލައި، ކައިރި ތަންތަނަށް ހިނގާފައި ދިއުމަށް އާދަ ކުރުމަކީ ތިމާވެއްޓަށް އެހީވެދޭނެ ކަމެކެވެ.
ވިޔަފާރި ކުރަން ދާއިރު ގެއިން ފޮތި ނީނީ ކަރުދާސް ކޮތަޅެއް ހިފައިގެން ދިއުމަކީވެސް ކުރެވިދާނެ ކަމެކެވެ. ކޮތަޅެއް ހިފައިގެން ދިއުމުން ވިޔަފާރި ކުރުމަށް ފަހު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުން ބޮޑުތަނުން މަދުކުރެވޭނެއެވެ. މިއީ ބޭނުންކުރާ ޕްލާސްޓިިކް މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ. މިފަދަ ކުޑަ ކަމަކީވެސް ތިމާވެއްޓަށް ބޮޑު އެހީއެއް ވެދޭނެ ކަމެކެވެ.
ގޭގައި ނުޅޭ ވަގުތު ނޫނީ ބޭނުން ނިވާ ވަގުތުތަކުގައި ފަންކަލާއި ބައްތި ފަދަ ތަކެތި ނިއްވާލާފައި ބެހެއްޓުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިކަމުން ކަރަންޓު ބިލަށް ލުއި ވުމުގެ އިތުރުން ތިމާވެއްޓަށްވެސް އެހީވެދޭނެއެވެ.
ބޭނުން ނުކުރާ ހެދުންތަކާއި، ބޭނުންކުރެވޭ ހާލަތުގައި ހުރި ހިފާގެންގުޅޭ ތަކެތި ޑޮނޭޓް ކުރުމަކީ އެތައް ބަޔަކަށް އެހީވެވިދާނެ ކަމެކެވެ. މީގެ ސަބަބުން އުކާލާ ކުނިވެސް މަދުކުރެވޭނެއެވެ. މިއީ ސަސްޓެއިނެބްލް ދިރިއުޅުމެއް ޕްރޮމޯޓް ކުރުމަށްވެސް ކުރެވިދަނެ ކަމެކެވެ.