Thu, 26 May, 2022, 12:03 pm

ރޯދަވެރިޔާ ރޯދަ ވީއްލާ ވަޤުތު ކުރާ ދުޢާ

Share on twitter
Share on facebook
Share on twitter
Share on facebook

ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތްތެރި ކަމުގެ މައްސަރެކެވެ. ހެޔޮކަމާއި މަޣުފިރަތުގެ ފޯވައްސެކެވެ. އަދި މާތްﷲއަށް ތަޤުވާވެރިވުމަށާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމުގެ ދުވަސްތަކެކެވެ. އެހެންކަމުން މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި މާތްﷲއަށް ދުޢާ ކުރުން ގިނަ ކުރަން ޖެހެއެވެ. ދުޢާ އަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

” إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنَ وَمَرَدَةِ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءَ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ “ (رواه الترمذي وابن ماجه)

މާނައީ: ” ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ހުއްޓެވެ. އަދި މިމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ނިދާ އިއްވަވާ ބެއިކަލަކު ނިދާ އިއްވަވާ ހުއްޓެވެ. ހެޔޮކަންތަކަށް އެދޭ މީހާއެވެ. ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެ ގަންނާށެވެ. އަދި ނުބައިކަންތައް ކުރާ މީހާއެވެ. ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ. އަދި ﷲ އެންމެން ނަރަކައިން މިންޖުކޮށް ދެއްވާ ހުއްޓެވެ. އަދި މިގޮތަށް ރަމަޟާންމަހުގެ ކޮންމެ ރެއަކު ކަން ހިނގަމުންދެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ދުޢާ އިޖާބަކުރައްވާނެ ޚާއްޞަ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާންކޮށްދެއްވާފައެވެ. އެވަޤުތުތަކަށް ބަލައިގެން ދުޢާ ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އިލާހީ ޙަޟްރަތުގައި ދުޢާ ޤަބޫލުކުރެއްވުންވެސް އަވަސްވާނެއެވެ. މިގޮތުން ރަމަޟާންމަހުގައި ކުރާ ދުޢާއާއި ރޯދަވެރިޔާ ކުރާ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

ثلاثة لا ترد دعوتهم : الصائم حين يفطر والامام العادل ودعوة المظلوم” (رواه الترمذي)

މާނައީ: ” ތިންމީހެއްގެ ދުޢާ މާތްﷲ ރައްދު ނުކުރައްވައި އިޖާބަ ކުރައްވާ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު ކުރާ ދުޢާއާއި ޢަދުލުވެރި އިމާމުމީހާ ކުރާ ދުޢާއާއި އަދި އަނިޔާވެރިޔާ ކުރާ ދުޢާއެވެ.”

މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރުކޮށް، އެކަލާނގެ އަށް ދުޢާކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ މާތްﷲ ޙަރާމު ކުރައްވާފައިވާ ލަވަޔާއި މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން ހެދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ މީހާއަށް ރައްކާތެރިކަން ލިބި، ހެޔޮކަމާވީ ފަރާތަށް ދިއުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ.

” ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ ”

މާނައީ: ﷲގެ ވާގިފުޅާއެކު ކަރުހިއްކުން ފިލައިގޮސް، ނާރުތަކަށް ތެތްކަންލިބި، ދަރުމަ ކަށަވަރުވެއްޖެއެވެ.

” أَفْطَرَ عِنْدَكُمْ الصَّائِمُوْنَ وَأَكَلَ طَعَامَكُمُ الْأَبْرَارُ وَصَلَّتْ عَلَيْكُمْ الْمَلاَئِكَةُ ”

މާނައީ: ރޯދައަށްތިބި މީހުން ތިޔަބައިމީހުންގެގާތުގައި ރޯދަވީއްލައިފިއެވެ. ހެޔޮވެގެންވާ މީހުންނަށް ތިޔަބައިމީހުން ކާންދީފީމުއެވެ. މަލާއިކަތް ބޭކަލުން ތިޔަބައިމީހުންނަށްޓަކައި ދުޢާކުރައްވައިފިއެވެ.

އާދެ! އިންސާނާ ޣާފިލުކަމުން ދުރުހެލިކޮށްދޭ އެއްޗަކީ މާތްﷲ ހަނދުމަކޮށް އެކަލާނގެއަށް ޒިކުރު ކުރުމެވެ. ޒިކުރަކީ އޭނާއާ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއާއި ދެމެދުގައިވާ ގުޅުން ދަމަހައްޓައިދޭ ވައުފަށެވެ. އެހެންކަމުން ހުރިހާ ވަޤުތުތަކެއްގައި ވެސް އެކަލާނގެ މަތިން ހަނދުމަ ކުރަންޖެހެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ ” ( سورة البقرة: 152)

މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ.” (އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.