Thu, 26 May, 2022, 2:11 pm

ޤުރުއާން ބާވައިލެއްވުނީ ރަމަޟާން މަހުގެ ރެއެއްގައި، އެއީ އުޑުތަކާއި ބިމުގައި ފާހަގަވެގެންދިޔަ ބާއްޖަވެރި ރެއެއް

Share on twitter
Share on facebook
Share on twitter
Share on facebook

މާތްﷲ މުޙައްމަދުގެފާނަށް ޤުރުއާން ބާވައިލެއްވީ އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައެވެ. ޤުރުއާން ބާވައިލެއްވުން ވެގެންދިޔައީ އުޑުތަކާއި ބިމުގައި ފާހަގަވެގެންދިޔަ ބާއްޖަވެރި މުނާސަބަތަކަށެވެ. އެޤުރުއާން އެންމެ ފުރުތަމަ ބާވައިލެއްވުނީ ލައުޙުލްމަޙްފޫޡްއިން ދުނިޔޭގެ އުޑުގައިވާ ބައިތުލްޢިއްޒާއަށެވެ.

އެއީ ރަމަޟާންމަހެއްގެ ރެޔެއްގައެވެ. އެރެޔަށް ނަންދެވިފައިވަނީ ލައިލަތުލްޤަދްރިގެ ނަމުންނެވެ. އެހިނދު މަލާއިކަތްބޭކަލުންނަށް މުޙައްމަދުގެފާނަށް ތަބަޢަވާނެމީހުންނަށްހުރި މަތިވެރި ޝަރަފު އެނގިގެންދިޔައެވެ. އެމީހުންނަށް މާތް ރަސޫލު ބޭކަލަކުލިބި އެފަދަ ދެވަނައެއްނުވާފަދަ ވަރުގަދަ އުއްމަތަކަށްވާނެއެވެ.

އެއަށްފަހު އެޤުރުއާން ދެވަނަފަހަރަށް، ބައިބަޔަށް މުޙައްމަދުގެފާނަށް ބާވައިލެއްވުނެވެ.

މިއީ އެހެން ސަމާވީ ފޮތްތައް ބާވައިލެއްވުނުގޮތާ ތަފާތުގޮތެކެވެ. މިކަމުގެ ފަހަތުގައިވާ އިލާހީ ޙިކުމަތް ބަޔާންކޮށްދެއްވުމަށް ދާންދެން ޢަރަބީން ފާޑުކިޔާ ޒުވާބުކޮށް އުޅުނެވެ. ބޮޑާވުމާއި ޖާހިލިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ބަޔަކަށް ތެދުމަގުދެއްކެވުމަށްޓަކައި މުޙައްމަދުގެފާނަށް ޤުރުއާން ބާވައިލެއްވުނީ އެއްފަހަރަކުންނޫނެވެ. ރަސޫލާގެ ހިތްޕުޅަށް ތަސައްލީއާއި ކުރިމަތިވާ ހާދިސާތަކުގައި އަމަލުކުރައްވާނޭ ގޮތްބަޔާންކޮށްދެއްވުމަށް، މާތްﷲ އެކަލާނގެ ދީނާއި އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވުމަށް ދާންދެން، ބައިބަޔަށް ޤުރުއާން ބާވައިލައްވެމުން ދިޔައެވެ.

ފުރުޤާން ސޫރަތުގެ 32-33 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلًا . وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا

މާނައީ: ކާފިރުވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ޤުރުއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެޤުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔައިދެއްވީމެވެ. އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޙައްޤުބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެއް ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.

ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވީއްސުރެއް ރިސާލަތު ފުރިހަމަ ކުރެއްމަށްދާންދެން މެދުނުކެނޑި ޤުރުއާން ބާވައިލެއްވުމުން ދިޔައެވެ. އެއީ 23 އަހަރުގެ މުއްދަތެކެވެ. މިކަމުގެ ޙިކުމަތް ތިރީގައި މިވަނީއެވެ.

  1. ޤުރުއާން ބައިބަޔަށް ބާވައިލެއްވުނީ މާތް ރަސޫލާގެ ހިތްޕުޅަށް ތަސައްލީ އާއި ހިތްހަމަޖެހުން ގެނެސްދެއްވުމަށްޓަކައެވެ.                 ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެދުންފުޅަކީ މުޝްރިކުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ އެމީހުންނަށް ހިދާޔަތުދެއްކެވުން ކަމުގައިވިޔަސް، ފެށުނީއްސުރެއް އެމީހުންގެ ފަރާތުން ލިބިވަޑައިގަތީ ދެކޮޅުވެރިކަމާއި ތުރާލެވެ.އެކަލޭގެފާނަށް ދިމާވާ ކަންކަމުގެ ޖަވާބެއްގެ ގޮތުގައާއި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީ ގެނެސްދެއްވުމަށްޓަކައި ބައިބަޔަށް ޤުރުއާން ބާވައިލެއްވުން އެކަލޭގެފާނަށް ބޭނުންވެގެންވިއެވެ. ޤުރުއާނުގައި ކުރީގެ ރަސޫލުބޭކަލުންގެ ވާހަކައާއި އެބޭކަލުންގެ ޤައުމުގެ މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކައާއި އެމީހުންގެ ކިބައިން އެބޭކަލުންނަށް ކުރިމަތިވި ތުރާތަކުގެ ވާހަކައާއި އެބޭކަލުންނަށް އުފުއްލެވި ބުރައިގެ ނަތީޖާއަކަށް ކާމިޔަބީއާއި އިލާހީ މަދަދުވެގެން ދިޔަގޮތުގެ ވާހަކަ އައިސްފައިވަނީ މިސަބަބަށްޓަކައެވެ.
  1. މިކަމުގެ ސަބަބުން ޤުރުއާންފަދަ އެހެންއެއްޗެއް ގެނެސްގަތުމަށް ކާފިރުން ނުކުޅެދުންތެރިވެގެންވާކަން ބޮޑަށް އެނގިގެންދިޔައެވެ.            ޤުރުއާނު ބައިބަޔަށް އައުމުގެ ސަބަބުން ޤުރުއާނުގައިވާ ގޮންޖެހުމަށް ރައްދެދެވޭފަދަ އެއްޗެއް ގެނެސްގަތުމަށް ކާފިރުން ނުކުޅެދުންތެރިވެ އެފަދަ އެންމެ ސޫރަތެއްވެސް ގެނެސްގަތުމަށްއޮތް ގޮންޖެހުންވެސް މަޑުމަޑުން އުނދަގޫވެ ފުޅާވަމުންދިޔައެވެ. ޤުރުއާން ބާވައިލެއްވުނީ އެއްފަހަރުންކަމުގައިވާނަމަ އެގޮންޖެހުންވީ އެއާ ކުރިމަތިލާން ޖެހިލުންވާވަރުގެ ބޮޑު އުނދަގޫ ގޮންޖެހުމަކަށެވެ.
  1. މިކަމުގެ ސަބަބުން ޤުރުއާން ދޭހަކޮށް ދަސްކުރުމަށް ފަސޭހަވެގެންދިޔައެވެ. ޤުރުއާން ބާއްވައިލެއްވުނީ އުއްމިއްޔަ އުއްމަތަކަށެވެ.          އޭގެތެރެއިން ގިނަމީހުންނަކަށް ލިޔާކަށް ނުވަތަ ކިޔާކަށް ނޭނގެއެވެ. ޤުރުއާން ބާވައިލެއްވުނީ އެއްފަހަރުން ކަމުގައިވާނަމަ ޤުރުއާން ދަސްކޮށް އޭގެ މާނަޔާމެދު ވިސްނާ ހަދަން އުނދަގޫވީސްކަން ޔަޤީނެވެ. ޤުރުއާން ދަސްކުރުމަށް އެންމެ ފަސޭހެވެގެންދާނީ ޤުރުއާން ބައިބަޔަށް ބާވައިލެއްވުމުންނެވެ. އަދި މިކަމުގެ ސަބަބުން ޤުރުއާނުގައިވާ އާޔަތްތަކުގެ މާނަ ދޭހަކޮށްގަތުމަށާއި އާންމު ދިރިއުޅުމުގައި އެކަންކަން ބޭނުންކުރުމަށް ފަސޭހަވެގެންދިޔައެވެ.
  1. މިކަމުގެ ސަބަބުން ހާލަތާ ގުޅޭގޮތުން ވަޙީއައުމަށް މަގުފަހިވެގެންދިޔައެވެ. ޤުރުއާން މީސްމީހުން ކުރާ ކުށްތަކާއި އެމީހުންގެ ގައިގައި ހުންނަ ނޭދެވޭ އަޚްލާޤީ ޞިފަތައް ޙިކުމަތްތެރި ގޮތެއްގައި އެކަށޭނެ ދަނޑިވަޅުތަކެއްގެ މަތިން ރަނގަޅުނުކޮށްދިންނަމަ މީހުން އެހާފަސޭހައިން އެބަލައިނުގަތީހެވެ. އެގޮތުން މީސްތަކުންނަށް ކަމެއްވާއިރަށް އެކަމާ ގުޅޭ ޙުކުމްތައް ބާވައިލައްވާ އެކަމުގައި ބަޔާންވެގެންވާ ޙައްޤުގޮތް އެމީހުންނަށް ހިދާޔަތުދައްކަވައެވެ. އަދި މިގޮތުގެ މަތިން ޙާލަތާއި ކުރިމަގުގައި ދިމާވެދާނޭ ކަންކަމަށް ރިޢާޔަތްކުރާ، އިސްލާމީ ޝަރީޢަތުގެ ބިންގާ އެޅިގެން ދިޔައެވެ.
  1. މިކަމުގެ ސަބަބުން މިއީ ކަނޑައެޅިގަން ޙަކީމްވަންތަ މާތްﷲ ބާވައިލެއްވި ފޮތެއްކަން އެނގިގެންދެއެވެ.                        ޤުރުއާން ބާވައިލެއްވުނީ 23 އަހަރުގެ މަތީން، މިތަނުން އާޔަތެއް އެތަނުން އާޔަތެއް ކަހަލަ ގޮތަކަށެވެ. ކަންމިހެން ހުރިކަމުގައިވިޔަސް އެފޮތް ބަލައި މީހަކަށް ފެނިގެންދާނީ ބަލާޣަތްތެރިކަމުގެ އެންމެ ފުރިހަމަ ގޮތުގައި މާނަ ފުށުނާރާނެހެން ރިވެތިކޮށް އެމުނިއެކުލެވިފައިވާ ތަނެވެ. އެފޮތުގެ އެއްއާޔަތާއި އަނެއް އާޔަތް، އެއްސޫރަތާއި އަނެއް ސޫރަތް އެއްވެސް ކުރަކިކަމެއްނެތިވަނީ ލާމެހިފައެވެ. މިޤުރުއާން އައިސްފައިވަނީ ޙާލަތާއި ދިމާވާ ކަންކަމަށް ރިޢާޔަތްކޮށް، އިންސާނީ މަޞްދަރަކުން ކަމުގައިވާނަމަ އޭގެ ވައްޓަފާޅިއަކު އެއްގޮތްކަމެއް ނުހުރީހެވެ. އަދި މިހާ ބުގިސްކޮށް އޭގެ ޢިބާރާތްތަކާއި ވައްޓަފާޅިއާއި މާނަ ނުގެނުވީސްކަން ކަށަވަރެވެ.

ނިސާ ސޫރަތުގެ 82 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا މާނައީ: އެޤުރުއާނަކީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވާނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.

1.  ޤުރުއާނު އެގޭ އަމިއްލަ ތަފްސީރެއްގެ ގޮތުގައި:

މީހަކު ބުނެފައިވާ އެއްޗެއް އިތުރަށް ތަޙްޤީޤްކޮށް ދިރާސާކުރުމަށް އެންމެ ރަނގަޅު ގޮތަކަށްވާނީ އެމީހަކު ވާހަކަ ދައްކަން ބޭނުންކުރާ ބަހުގެ ޢާއްމު ލުޣަވީ އުޞޫލުތަކަށް ރިޢާޔަތްކުރާހާލު، އެމީހަކު ބުނެފައިވާ އެހެން ބުނުންތައް ބަލައިހަދުމެވެ. އެގޮތުން ޤުރުއާން ބާވައިލެއްވިފައިވާ ބަރުހުވައާއި ޢަރަބިބަސް ޢާންމުކޮށް ބޭނުންކޮށް އުޅޭގޮތްތަކާއި މުޞްޠަލަޙްތައް އެންގުމަކީ ލާޒިމުކެމެވެ. އެހެނީ ޤުރުއާން ބާވައިލެއްވިފައިވަނީ ޢަރަބި ބަހުންނެވެ. އެޤުރުއާން އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު ރަސޫލަކީ ޢަރަތްބެކެވެ. އެކަލޭގެފާނު ގެންނެވި ރިސާލަތް އެންމެ ކުރިން ލިބުނީ ޢަރަބީންނަށެވެ. އެޤުރުއާން ބާވައިލެއްވުނީ އެމީހުން ދަންނަ އުސްލޫބަކުންނެވެ.

ޤުރުއާނުގެ އާޔަތެއްގެ ތަފްސީރު ހޯދުމަށްޓަކައި ޤުރުއާނުގެ މުފައްސިރަކަށް އެއާޔަތާ ގުޅުންހުރި އެހެން އާޔަތްތައް ހޯދާ ކައިރިކޮށް އެކަތި އަނެއްކައްޗާ އަޅާކިޔާ ގުޅުވާ ހަދަންޖެހިދާނެއެވެ. އެގޮތުން އެއްއާޔަތެއް އެހެން އާޔަތަކަށް ބާރުދީ ނުވަތަ އިތުރަށް ތަޢުލީލްކޮށްދީ ބަޔާންކޮށްދީފާނެއެވެ.

  1. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ޤުރުއާނުގެ ތަފްސީރެއްގެ ގޮތުގައި:

ޤުރުއާނުން އޭގައިވާ އާޔަތެއްގެ މާނަ ދޭހަނުވެއްޖެނަމަ ދެން އެކަމުގެ ތަފްޞީލު ހޯދުމަށް ރުޖޫޢަވާން ޖެހެނީ މާތް ރަސޫލާގެ ސުންނަތަށެވެ. ނަޙްލު ސޫރަތުގެ 44 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

بِالْبَيِّنَاتِ وَالزُّبُرِ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

މާނައީ: އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަށް ފިކުރުކުރުމަށްޓަކައެވެ.

ފަރުޟު ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުފަދަ ޤުރުއާނުގައި ޝާމިލް ގޮތެއްގައި އައިސްފައިހުންނަ ކަންކަން ސުންނަތުގައި ތަފްޞީލުކޮށްދެއެވެ. ސުންނަތުން މިއަޅުކަންތައް އަދާކުރާނޭ ގޮތުގެ ތަފްޞީލާއި އެކަންކަން ޞައްޙަވުމުގެ ޝަރުޠުތަކާއި އެކަންކަން ކުރުމުގައި މުސްތަޙައްބުވެގެންވާ ކަންކަމާއި ޙަރާމް ކަންކަމާއި މަކްރޫހަ ކަންކަން އެނގިގެންދެއެވެ.

އަދި މީގެ އިތުރުން މިއަޅުކަންތައް އަދާކުރާނޭ ވަޤުތުތަކާއި މިންވަރުވެސް ސުންނަތުގައިވެއެވެ. މިކަންކަމުގައި ޤުރުއާނަށްވުރެއް ސުންނަތް ތަފްޞީލެވެ. ޤުރުއާނުގައި ޝާމިލްކޮށް އައިސްފައި ހުންނަކަންކަން ތަފްޞީލުކޮށްދިނުމުގެ އިތުރުން ޤުރުއާނުގައިވާ ޞިފަކުރުންތައް އިތުރަށް ޞިފަކޮށްދީ އެއިން ދޭހަކޮށްގަތުމަށް ދަތިވާ ތަންތަން އިތުރަށް ބަޔާންކޮށްދެއެވެ. އެހެންވެ މާތް ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ޤުރުއާނުގެ އިތުރުން ތިމަންކަލޭގެފާނަށް އެފަދަ އެހެން އެއްޗެއް ދެއްވާފައިވެއެވެ.”

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.