ގައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެކަމަށް އީދު ހުތުބާގައި ބުނެފިއެވެ.
އިޠުރު އީދުގެ މުނާސަބަތުގައި މިއަދު ދިން ހުތުބާގައި ބުނީ، ވަތަނުގެ އަމާންކަމަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. އަދި އެއީ ތަރައްގީއާއި ހިތްހަޖަމެހުން ލިބުމުގެ އަސާސް ކަމަށާއި، އެކަމަށް ކޮންމެ އިހުލާސްތެރިއަކުވެސް ދަހިވެތިވާނެ ކަމަށެވެ.
ހުތުބާގައި ބުނީ އެއީ ރަސޫލުބޭކަލުން އެކަމަށްޓަކައި ދުއާފުޅު ކުރެއްވި ކަމެއް ކަމަށެވެ. އެގޮތުން އިބްރާހީމްގެ ފާނުގެ ދުއާފުޅެއްގައި އެންމެ އިސްކަންދެއްވީ ރަށުގެ އަމަނަށް ކަމަށާއި، ކާބޯތަކެއްޗަށްވުރެ އިސްކަން ދެއްވީ އަމަންއަމާންކަމަށް ކަމަށް ބުންޏެވެ.
އަދި އެހެންކަމުން ގައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެ ކަމަށާއި، މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް، ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމަކާއި ތަނަވަސްކަމަކާއި ހަކަތަ ހޭދަކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މައިންބަފައިންނާއި މުދައްރިސުންނާއި ޒިންމާދާރު އެންމެން އެބައެއްގެ ބެލުމުގެދަށުގައިާ އެންމެނަށް އެކަމަށް ރަނގަޅަށް އިރުޝާދު ދޭން ޖެހޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ އެމީހެއްގެ ހަކަތަ ގައުމަށްޓަކައި ދޫކޮށްލުމުގެ ރޫހު އަށަގަންނުވަން ޖެހޭ ކަމަށާއި ގައުމު ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ އީދު ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް، މަޖާކުރުމަށް ނޫން ކަމަށެވެ. އަދި އީދު ޝަރުއުކުރެއްވީ އިސްލާމީ މުޖުތަމައުގެ އަފްރާދުނންގެ މެދުގައި އެކުވެރިކަން ގާއިމުކުރުމަށް ކަމަށާއި އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށް ކަމަށެވެ.
އޭގެ އިތުރުން، އީދު ޝައުރުކުރެއްވީ މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްޓަކައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި އީދު ދުވަސްތަކުގައި ހެޔޮފޯރުކޮށް އުޅުމާއި އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތތި އަދަބެއް ކަމަށް ބުންޏެވެ.