ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިންއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ މުހައްމަދު ސައީދު، މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތެއް، ކަނޑުގެ 193 ފޫޓު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސައީދު ގެއްލުނީ އިއްޔެ މެންދުރުފަހު 2:30ގައި ފުވައްމުލަކު ޓައިގާ ޝާކު ޑައިވިން ޕޮއިންޓަށް ފޭބި ފަހުންނެވެ. ފީނަން ފޭބި އިރު، އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ.
އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮތް ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެ އެވެ.
ގެއްލުނު ޑައިވަރު މަސްހިފަން ބޭނުންކުރި އާލާތެއް، ކަނޑުގެ 193 ފޫޓު އަޑިން ފެނިއްޖެhttps://t.co/Vcy1AZxF4x
ވީޑިއޯ: @MNDF_Official pic.twitter.com/sZjo14z0Qp
— Haftha (@hafthaMV) May 3, 2022
އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ އިރު، ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާ އިރު، ކޯސްޓްގާޑް ހާބަރު ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.
އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު (193 ފޫޓު) އަޑިން ސައީދު މަސްހިފުމަށް ބޭނުންކުރި ކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ.
ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރު (229 ފޫޓައި 338 ފޫޓު)އާ ދެމެދުގެ ފުންމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.