ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑުން 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ރަސްމީ ސްޓައިލުގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ
ސެމީގެ ފުރަތަމަ ލެގު ސިޓީން 4-3 އިން ކާމިޔާބު ކުރި ނަމަވެސް ރެއާލް ފައިނަލުގެ ޖާގައެއް ހޯދީ 5-4 ގެ އެގްރިގޭޓް ނަތީޖާއިން ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފަހު ވަގުތު ހިތްވަރު ދައްކައިގެން މެޗު ކާމިޔާބު ކުރުމުގެ ސްޓައިލެއް ގެންގުޅޭ ރެއާލުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ތިން މެޗުގައިވެސް އެކަން ވަނީ ތަކުރާރުކޮށްފަ އެވެ. އެގޮތުން ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން ފަހު ވަގުތު ކުރި ހޯދި އިރު، ކުއާޓާ ފައިނަލުގައި ޗެލްސީގެ ފަރާތުން ބަދަލު ހިފީވެސް ފަހު ވަގުތު އެވެ. މިދިޔަ ސީޒަނުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ.
ސެންޓިއާގޯ ބާނަބެއޫގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ކައުންޓާ އެޓޭކެއްގައި ޑެނީ ކާވަހާލް ހުރަސްކޮށްލި ބޯޅައަކުން ކަރީމް ބެންޒެމާ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އެ ފުރުސަތަށްފަހު ރެއާލުން ފޮނުވާލި އެންމެ ހަމަލާއެއްވެސް ގޯލާ އަމާޒެއް ނުވެ އެވެ. އޭގެ ބަދަލުގައި ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލަށް އަމާޒު ކުރި އެވެ. ނަމަވެސް ގޯލެއް ކާމިޔާބެއް ނުވި އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓު ތެރޭ ރެއާލަށް ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ރެއާލްގެ ޑެނީ ކާވަހާލް މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނެގި ބޯޅަ ފޮނުވާލަން އެރި ވިނީޝިއުސް އަށް އެ ބޯޅަ ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.
އޭގެ ފަހުން ކާލޯސް ކަސެމީރޯއާއި ކަރީމް ބެންޒެމާވެސް ވިނީޝިއުސްއަށް ރަނގަޅު ދެ ފުރުސަތު ހޯދައިދިނެވެ. ނަމަވެސް އެ ބޯޅަތައް ކޮންޓްރޯލެއް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.
މެޗުގައި ސިޓީން ގޯލު ޖެހީ 74 ވަނަ މިނެޓުގަ އެވެ. މިއީ ބެނާޑޯ ސިލްވާ ކަނާތްފަރާތު އަރިމައްޗަށް ހުސްކޮށްލާފައި ދިން ބޯޅައަކުން ރިޔާދު މާރޭޒް ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލަށްފަހު ރެއާލްގެ ކުޅުން އަވަސްކޮށްލަން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ކަސެމީރޯއާއި ލޫކާ މޮޑްރިޗްގެ ބަދަލުގައި މާކޯ އަސެންސިއޯ އާއި އެޑުއާޑޯ ކަމަވިންގާ ކުޅެން އަރުވައިފަ އެވެ.
ރެއާލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ، މެޗު އިތުރު ވަގުތަށް ގެންގޮސްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮޑްރިގޯ އެވެ. މެޗުގެ 89 ވަނަ މިނެޓުގައި އޭނާ އެ ގޯލި ކާމިޔާބު ކުރީ ބެންޒެމާ ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރެއާލަށް އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދިނީވެސް ރޮޑްރިގޯ އެވެ. އެއީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ދެ ވަނަ މިނެޓުގައި ކާވަހާލް ނެގި ބޯޅައެއް ބޮލުން ގޯލަސް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. މެޗުގައި ހެޓްރިކް ފުރިހަމަކޮށްލަންވެސް ރޮޑްރިގޯއަށް ފުރުސަތު ލިބުނެވެ. ނަމަވެސް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރި އެވެ.
ރެއާލުން ތިން ވަނަ ގޯލެއް ޖަހައި، އެގްރިގޭޓުން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު އިތުރު ވަގުތުގެ ފުރިހަމަ ހާފުގެ ހަތަރު ވަނަ މިނެޓުގަ އެވެ.
ސިޓީގެ ކެޕްޓަން ރުބެން ޑިއާސް އޭރިއާ ތެރެއިން ބެންޒެމާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ގޯލަށް ވައްދާލައިގެން ރެއާލް ފައިނަލަށް ގެންގޮސްދިނީ ބެންޒެމާ އެވެ. ރެއާލުން ކުއާޓާ ފައިނަލުގައި ޗެލްސީ ކަޓުވާލީވެސް ފަހު ވަގުތު ބެންޒެމާ ޖެހި ގޯލުންނެވެ.
މި ނަތީޖާގައި ރެއާލުން މެޗު ނިންމާލަން ދަނިކޮށް، ހާފުގެ ފަހު ސިކުންތުގައި ސިޓީއަށް ކުރި ހޯދަން ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ފޯޑެން ބޮލުން ޖެހި ބޯޅައެއް ކީޕަރު ކޯޓުއާ ދިފާއުކުރި އިރު، އެ ބޯޅަ ދެން ލިބުނީ ސިޓީގެ ފެނާންޑީނިއޯ އަށެވެ. ނަމަވެސް އޭނާ ފައިގައި ރަނގަޅަށް ބޯޅަ ނުޖެހި ދިޔައީ ބޭރުންނެވެ.
ރެއާލުން 17 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައި، 13 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މި މަހު 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅޭ ފައިނަލުގައި ރެއާލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލުން ވަނީ 3-1 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެންކަމުން ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ އެކަމުގެ ބަދަލު ހިފުމަށެވެ.