ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި އިރު، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ލައިގެން ހުރި ޖާޒީ ރިކޯޑް އަގަކަށް ނީލަމުގައި ވިކިއްޖެ އެވެ.
މަރަޑޯނާގެ އެ ޖާޒީ މިއޮތް ހުރިހާ ދުވަހު އޮތީ އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް އަތުގަ އެވެ. އޭނާއަށް އެ ޖާޒީ ލިބުނީ އެ މެޗަށްފަހު މަރަޑޯނާއާ އެކު ޖާޒީ ބަދަލުކުރުމުންނެވެ. ހޮޖްއަކީ އިންގްލެންޑާ އެކު ދެ އަހަރެއްގެ ވޯލްޑް ކަޕް ކުޅެފައިވާ މިޑްފީލްޑަރެކެވެ.
މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާ އެކު ހޮޖް އަތުން އެ ޖާޒީ ގަންނަން ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އޭރު އޭނާ އެ ޖާޒީ ވިއްކާކަށް ބޭނުމެއް ނުވި އެވެ. ނަމަވެސް ޑިމާންޑު ބޮޑުވުމުން، އެންމެ ފަހުން އެކަމަށް އެއްބަސްވީ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އެ ޖާޒީ ވިކޭނެ ކަމަށް އަންދާޒާކުރީ ގާތްގަނޑަކަށް 6-4 މިލިއަން ޕައުންޑަށެވެ. ނަމަވެސް ނީލަމުގައި ޖާޒީގެ އަގު ވަނީ 7.1 މިލިއަން ޕައުންޑް (8.81 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރައިފަ އެވެ. އެއީ ކުޅިވަރު ހަނދާނަކަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު އަގެވެ.
މީގެ ކުރީން ކުޅިވަރު މެޗެއްގައި ކުޅުންތެރިއަކު ލި ޖާޒީއެއް އެންމެ ބޮޑު އަގުގައި ވިކިފައިވަނީ 2019 ވަނަ އަހަރު، 5.6 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ ނިއު ޔޯކް ޔެންކީސްގެ ލެޖެންޑް ބާބް ރުތްސްގެ ބޭސްބޯލް ޖާޒީ އެވެ.