Thu, 8 December, 2022, 11:37 am

މަސްކިރުމަށް މިހާރު ހުރި ދަތިތަކަށް މިއަހަރު ތެރޭ ވަގުތީ ހައްލެއް ހޯދައިދޭނަން: ރައީސް

މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި މަސްބާނާ ސަރަހައްދުން މަސްކިރަންދާންޖެހޭ ސަރަހައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިއްސާކޮށްފަ އެވެ.

އޭގެ އިތުރުން ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން މަސްވެރިން ފާހަގަކުރި އެވެ.

މަސްވެރިން ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ.

އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރެއްވި އެވެ.

ދެކުނުގެ މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރިއަށްގެންދިއުމުގައި މަސްވެރިން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއާއެކު ދާއިމީ ހައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.