މީގެ ދެ ދުވަސް ކުރިން އެކްޓްރެސް ސޮނާކްޝީ ސިންހާ ވަނީ އެންގޭޖްމެންޓް އަނގޮއްޓިއަކާ އެކު ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އަދި އެއީ އޭނާއަށް ބޮޑު ދުވަހެއް ކަމަށާއި އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ އޭނާގެ އެންގޭޖްމެންޓް ފޮޓޯތަކެއް ނޫނެވެ.
އެންމެފަހުން ސޮނާކްޝީ މިވަނީ އެ ފޮޓޯތަކުގެ އަސްލު ހާމަކޮށްފަ އެވެ. އެކަން ހާމަކުރީ އޭނާގެ ބިއުޓީ ބްރޭންޑް “ސޯ އީޒީ” ތައާރަފުކުރުމަށް ސޯޝަލް މީޑިއާ އެެކައުންޓުތަކުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.
ސޯ އީޒީއަކީ އަންހެނުންނަށް ހާއްސަކޮށްގެން ސޮނާކްޝީ އުފެއްދި ބްރޭންޑެކެވެ. އެގޮތުން ނިޔަފަތިގަނޑު ރީތި ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ބްރޭންޑުން ލިބޭނެ ކަމަށް ސޮނާކްޝީ ބުންޏެވެ.
އޭނާ ހިއްސާކުރި ފޮޓޯތަކަކީވެސް އެ ބްރޭންޑު ޕްރޮމޯޓު ކުރުމަށް ކުރި ކަމެކެވެ. ވޭތުވެދިޔަ ދެތިން ދުވަހެއްގައި އޭނާ އިންސްޓަގުރާމްގައި ހިއްސާކުރި ހުރިހާ ފޮޓޯއެއްގައިވެސް ނިޔަފަތިގަނޑު އެކި ކުލަކުލަޔާއި ޑިޒައިންތަކުން ވަނީ ޖަރީކޮށްފައެވެ.
އޭނާ އެ ފޮޓޯތައް އެންމެ ފުރަތަމަ ހިއްސާކުރުމުން އޭނާގެ ގާތް ރަހުމަތްތެރިންވެސް ވަނީ އެންގޭޖްމެންޓް ފޮޓޯތަކުގެ ފަހަތުގައިވާ ހަގީގަތް އެނގުމުން ސަޕޯޓަރުން ވަރަށް ރުޅިއަންނާނެ ކަމަށް ބުނެފަ އެވެ.