ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސްރީ ލަންކާގައި އާ ސަރުކާރެއް އެކުލަވާލުން މުހިންމު ކަމަށާއި އެކަން އެގޮތަށް ކުރައްވާނެ ކަމުގައި އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ގޮތަބަޔާ އެހެން ވިދާޅުވީ، ރޭ ގައުމާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމަށް ދިމާވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ގޮތަބަޔާ މަސައްކަތްކުރެއްވި ނަމަވެސް އިދިކޮޅު ޕާޓީތަކުން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އެއާއެކު ގޮތަބަޔާ ވަނީ އެ ގައުމުގެ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ގައުމު ކުރިއަ ށްގެންދެވޭނެ ގޮތްތަކަކާމެދު މަޝްވަރާކުރައްވަން ނިންމަވައިފަ އެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ބޮޑުވަޒީރުކަމުގެ މަގާމަށް ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ޕާލަމެންޓުގައި ހިމެނޭ މިނިވަން މެމްބަރުންގެ ގްރޫޕުން ވަނީ ވިޖެދާސަ ރާޖަޕަކްސައާއި ނިމާލް ސިރިޕާލާ ޑި ސިލްވާގެ އިތުރުން ދުލާސް އަލަހަޕްޕެރޫމާގެ ނަން ހުށަހަޅުއްވައިފަ އެވެ.
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު ލަންކާގައި ސަރުކާރެއް ނެތުމުން އެ ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
އެގޮތުން ލަންކާގައި ސަރުކާރެއް ނެތް ދަނޑިވަޅެއް ކުރިމަތިވެފައި ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ދުވަސްވަރަކާ އެވެ. އެ އިދާރާތަކުން ލަންކާގެ ސިޔާސީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް އެ ގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.