ޔަތީމުންނަކީ ހަމައެކަނި މައިންބަފައިން މަރުވެފައިވާ ކުދީންނެއް ނޫން ކަމަށާއި އަޅާނުލާ މަޔަކު ލިބިފައިވާ ކޮންމެ ކުއްޖަކީ އަދި ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން, ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީވެސް ހަމަ ޔަތީމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“ދަރީންގެ އަގީދާ ރައްކާތެރި ކުރުމަށް ތަރުބިޔަތު ދިނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ދަރީންނަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި އެއީ ބޮޑުވެގެންވާ ނިއުމަތެއް ކަމަށެވެ. އެއީ އެކުދިންގެ ސަބަބުން ލޮލަށް ފިނިކަން ލިބޭތީ އާއި ކުރިމަގު އުޖާލާވާތީއާއި ހަޔާތް ބާއްޖަވެރިވާތީ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މައިންބަފައިން އެމީހުންގެ ދަރީން ތަފާތު ބަލިތަކުން ހިމާޔަތްކުރުމަށާއި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ވެކްސިން ޖަހައި އޭގެ ޑޯޒުތައް ފުރިހަމަ ކުރާ ކަމަށެވެ. ނަމަވެސް އެދަރީން ނަރަކައިން ސަލާމަތްކުރުމަށާއި އެކުދީން އިލްހާދާއި ލާދީނިއްޔަތުން ސަލާމަތްކުރުމަށް ރަނގަޅު ދީނީ ތައުލީމެއް ދެވޭތޯ ހުތުބާގައި ސުވާލުކުރި އެވެ.
ހުތުބާގައި ބުނީ, ބައެއް މައިންބަފައިން, އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވެ, ފޯނާއި ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި, މާތް الله ހަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ކަމަށް ވާހަކަ ދައްކާ ކަމަށެވެ. އަދި ކުއްލިއަކަށް މާބޮޑަށް މިނިވަންވެ, މައިންބަފައިންނަށް ނުވެސް އެނގި, ހަޔާތުގެ ބައިވެރިއަކު ހޯދުމުގެ މަސައްކަތް ފަށާ ވާހަކަވެސް ދައްކާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އެފަދަ ބަލިތަކާއި ރޯގާތައް އެކުދީންނަށް ޖެހެނީ އެފަދަ ކަންކަމުން އެކުދީން ހިމާޔަތްކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީ ކަމަށެވެ. އަދި އެކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ އީމާންކަމުގެ ތަރުބިއްޔަތު ދިނުމުގެ ފިޔަވަޅު ކަމަށާއި އެ ތަރުބިޔަތު ދޭންވާނީ އޯގާވެރިކަމާއި ލޯތްބާއެކުގައި ކަމަށް ބުންޏެވެ.
އެގޮތުން ޅަދަރީން ލައްވާ ގަދަކަމުން ނަމާދުކުރުވައި, ރޯދަހިފުވާ ނަމަ އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުން ނޫން ކަމަށާއި އޭރުން އެކުދީން ބޮޑުވަމުން އަންނާނީ ބިރުވެރި މާހައުލެއްގައި ދީނަށް ނަފުރަތުކުރަމުން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ, ދަރީންނަށް ރަނގަޅު ތަރުބިޔަތެއް ދެވޭނީ އަމަލީ ހެޔޮ ނަމޫނާއިން ކަމަށެވެ. ލޯތްބާއި އޯގާތެރިކަމާއި ކުލުނުގެ ވެއްޓެއްގައި ދަރީން ތަރުބިއްޔަތު ކޮށްގެން ކަމަށާއި ހަރުކަށިކަމާއި ހިތްހަރުކަމާ ދުރުވެގެން ކަމަށެވެ.
ތިބާގެ ދަރިއަކީ ތިބާގެ މަސައްކަތުގެ ތާޖު ކަމަށާއި އެއީ ތިބާ އޭނާއަށް ދިން ތަރުބިއްޔަތާއި ހޯދައިދިން ރައްކާތެރިކަމުގެ މޭވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ ދަރި ރަނގަޅުވެއްޖެ ނަމަ އެއީ ތިބާއަށް ލިބުނު ދެ ދުނިޔޭގެ ހެވެއް ކަމަށާއި އެދަރި ނުބައިވެއްޖެ ނަމަ އެކަމުގެ ޒިންމާ އެދަރިއާ މެދު ނޭޅުވޭނެ ކަމަށެވެ. އެއީ މާތް الله ސުވާލުކުރާނީ ތިބާއާއާ ކަމަށާއި އެހެން މީހުންނަކާ ނޫން ކަމަށް ބުންޏެވެ.