ޔުނައިޓެޑް އެރަބް އެމިރޭޓްގެ ރައީސް އަދި އަބޫ ދާބީގެ ވެރިޔާ، ޝައިހް ޚަލީފާ ބިން ޒަޢިދު އަލް ނަހްޔާން އަވަހާރަވެއްޖެ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 73 އަހަރެވެ.
އެކަން އިއުލާންކޮށް ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނީ، ރައީސް އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ގައުމީ ދިދަ 40 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރުމަށާއި މިނިސްޓްރީތަކާއި ރަސްމީ އިދާރާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާއި އޮފީސްތައް ތިން ދުވަހަށް ބަންދުކުރަން މިނިސްޓްރީ އޮފް ޕްރެޒިޑެންޝިއަލް އެފެއާޒުން ނިންމާފައިވާ ކަމަށެވެ.
ޝައިހް ހަލީފާ މިއަދު އަވަހާރަވީ ގިނަ އަހަރުތަކެއް ވަންދެން ބަލިމަޑުކަމުގައި އުޅުއްވުމަށްފަހު އެވެ. އެކަމާ ގުޅިގެން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓާލައްވައި، އެ މަސައްކަތްތައް ކުރެއްވުމުގެ ޒިންމާ ބޭބޭފުޅު އަދި އަބޫ ދާބީގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ޒައިދުއާ ވަނީ ހަވާލުކުރައްވައިފަ އެވެ.
ނަމަވެސް ޔޫއޭއީގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް އަދި އިއުލާން ކުރައްވާފައެއް ނުވެ އެވެ.
ޝައިހް ހަލީފާ، ނޮވެމްބަރު 3، 2004 ވަނަ އަހަރު ޔޫއޭއީގެ ރައީސްކަމަށް ވަޑައިގެންނެވީ ޔޫއޭއީގެ ބާނީ އަދި ބައްޕާފުޅު ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެންނެވެ.
އެމަނިކުފާނަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫ ދާބީގެ 16 ވަނަ ވެރިޔާ އެވެ.