މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދިވެހީންގެ ތެރޭގައި ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ)ގެ ބަންދަށް ތިން ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގައި ރޫމާއާ އެކު އޭނާގެ ފިރިމީހާ، މުހައްމަދު ނަސީމްވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި ދެމަފިރިންގެ ބަންދަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފަ އެވެ. އެމީހުން މިހާރު ތިބީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ.
ރޫމާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ ބަންދުކުރަން ނިންމީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީ ކަމަށްވެސް ބުނެފައިވެ އެވެ.
ރޫމާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށް ގާޒީ ކަނޑައެޅި ނަމަވެސް ދިފާއުން ވަނީ އެ މައްސަލައިގައި ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރު ހޯދާފައިވާ ގެ ނޫން ކަމަށެވެ. އެހެންކަމުން ބަލައިފާސްކުރުން ރަނގަޅު ނޫން ކަމަށް ފާހަގަކުރި އެވެ.
އަދި އެ ގެ ބަލައިފާސް ކުރި އިރު، މަސްތުވާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށާއި ފެނިފައިވާ މަސްތުވާތަކެއްޗަކީ އެ ގެއާ މާދުރުން ފެނުނު ކޮތަޅަކުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެއްޗާއި ރޫމާއާ ގުޅުވައިދޭ އެއްވެސް ހެއްކެ ނެތް ކަމަށްވެސް ދިފާއުން ފާހަގަކުރި އެވެ.
އަމުރުގައި ބުނެފައި ވަނީ، އެ މައްސަލައިގައި އެހެން ގެއެއްގެ ފުރާޅުމަތިން ފެނުނު ކޮތަޅަކުން މަސްތުވާތަކެތި ފެނުނު ކަމަށާއި ގޭގެ ތެރެއިން މަސްތުވާ އެއްވެސް އެއްޗެއް ނުފެންނަކަން ސީނަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ކަމަށެވެ.
އަދި މަސްތުވާތަކެތި ހުރި ކޮތަޅު އެއްލާލިތަން އެއްވެސް ފުލުހަކަށް ނުފެންނަ ކަމަށް އައިއޯ ފާހަގަކުރި ނަމަވެސް، މަސްތުވާތަކެތި ފެނިފައިވާ ކޮތަޅަކީ ރޫމާ އެއްލާލި ކޮތަޅެއް ކަމަށް ސީނަށް ދިޔަ ފުލުހުން ގާތުގައި އޭނާ ބުނި ކަމަށް އައިއޯ ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ދިފާއުން އިތުރަށް ބުނީ، ރޫމީ އެވަގުތު ހުރި ހާލަތަށް ބަލައި އިރު، އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އޭނާ ހުރީ ކަންކަން އެނގޭ ހާލަތެއްގައި ނޫން ކަމަށާއި ފުލުހުންގެ ފަރާތުން ވަކި ގޮތަކަށް ބަޔާން ދިނުމަށް ވަރަށް ބޮޑަށް ފޯސް ކޮށްފައިވާ ކަމަށްވެސް ފާހަގަކުރި އެވެ.