ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާންއަކީ ވިޝަނަރީ ލީޑަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ވެރިޔާ، ޝައިހް ހަލީފާ އަވަހާރަވީ ގިނަ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 73 އަހަރެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް ހަލީފާ އަވަހާރަވުމާ ގުޅިގެން ހިތާމަކުރައްވާ ކަމަށެވެ.
އަދި ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ގާތް އެކުވެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އަބޫ ދާބީގެވެސް ވެރިޔާ، ޝައިހް ހަލީފާ ޔޫއޭއީގެ ރައީސް ކަމާ 2004 ވަނަ އަހަރު ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެންނެވެ.
ނަމަވެސް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގެން ފަހުން ޝައިހް ހަލީފާ ވަނީ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އާންމުންގެ ތެރެއަށްވެސް ނުކުމެވަޑައިގަންނަވަނީ މަދު ފަހަރެއްގަ އެވެ. އެހެންކަމުން ދައުލަތުގެ ކަންކަމާ ހަވާލުވެ ހުންނަވަނީ ބޭބޭފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާނެވެ.