ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިހް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ޝައިހް ހަލީފާ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ވެރިޔާ، ޝައިހް ހަލީފާ އަވަހާރަވީ ގިނަ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 73 އަހަރެވެ.
އަބޫ ދާބީގެވެސް ވެރިޔާ، ޝައިހް ހަލީފާ ޔޫއޭއީގެ ރައީސް ކަމާ 2004 ވަނަ އަހަރު ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެންނެވެ.
ނަމަވެސް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގެން ފަހުން ޝައިހް ހަލީފާ ވަނީ މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އާންމުންގެ ތެރެއަށްވެސް ނުކުމެވަޑައިގަންނަވަނީ މަދު ފަހަރެއްގަ އެވެ. އެހެންކަމުން ދައުލަތުގެ ކަންކަމާ ހަވާލުވެ ހުންނަވަނީ ބޭބޭފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާނެވެ.