ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އެޅުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކުރީ އިއްޔެ އެވެ.
ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދިއްދޫގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ އެމްޑީޕީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އަދި އެއީ މަތީ ތައުލީމާއި ފުރުސަތުތައް އާ މޮޑެލެއްގެ ތެރެއިން ފަހިކޮށްދެވިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
“ޒުވާނުންއަށް އާ ފުރުސަތުތަކެއް އާ އުއްމީދުތަކެއް ލިބުން. ޖޫނިއާ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާން ވެއްޖެ ދައްކާ ވާހަކައެއް. ތަރައްގީގެ ހުރިހާ ގޮތަކުންވެސް ދިއްދޫ ރައްޔިތުން ފަހުރުވެރިވާފަދަ ތަނަކަށް ހެދުން،” މިނިސްޓަރު ވިދާޅުވިއެވެ.
ދިއްދޫގައި ހަދާ ޖޫނިއާ ކޮލެޖް ވެގެންދާނީ އެ ސަރަހައްދުގައި އަޅާ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ. އެގޮތުން 30،000 އަކަފޫޓުގެ ބިމެއްގައި ހަދައި އެ ކޮލެޖު ހާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ހިންގާނެ އެވެ.
އެ ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. އަދި ފުޑް ޕްރޮސެސިން ލެބަކާއި ފުޑް ޓެސްޓިން ލެބަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެ އެވެ.
އޭގެ އިތުރުން އިދާރީ ހިދުމަތްތަކަށް ހާއްސަ ސަރަހައްދަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެ އެވެ.
އަދި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުންނަ އިރު، ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓް ފަދަ އަސާސީ ކަންކަން ހިމެނޭނެ އެވެ.