ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މިއަހަރު ރިލީޒްކުރާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ “ގުލްމޯހަރު” ރިލީޒްކުރާނެ ތާރީހު އެންމެފަހުން އިއުލާނުކޮށްފި އެވެ.
ފޮކްސް ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް ރާހުލް ޗިޓެއްލާ ޑައިރެކްޓުކުރާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓު މަހު އެވެ.
ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ދައްކަން ހަމަޖެހިފައިވާ އެ ފިލްމުގައި މަނޯޖް ބަޖްޕާއީ، ސޫރަޖް ޝަރުމާ، އަމޯލް ޕަލޭކަރް އަދި ސިމްރަން ރިޝީ ބައްގާވެސް މުހިންމު ރޯލުތަކުން ފެނިގެންދާ އިރު، 1960ގެ އަހަރަތަކުގައި ބޮލީވުޑްގެ ސިނަމާތަކުން މަޝްހޫރުކަން ހޯދާފައިވާ އަންހެން ތަރި ޝަރުމީލާ ޓެގޯރުވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.
ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން އަދި އެކްޓްރެސް ސޯހާ އަލީޚާންގެ މަންމަ ޝަރުމީލާ އެ ފިލްމާ ގުޅޭ ގޮތުން ބުނީ މިއީ ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހިގެން އޭނާ ކުޅޭ ފިލްމެއް ކަމަށެވެ. ޝަރުމީލާ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2010 ވަނަ އަހަރު ނުކުތް “ބްރޭކް ކެ ބާދު” އިންނެވެ.
“ގުލްމޯހަރު” އަކީ ބޮޑު އާއިލާއެއްގެ ތެރޭގައި ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑްރާމާ ސްޓައިލްގެ ފިލްމެކެވެ.